12 Apr 2019, 12:02
ހުނަރުވެރި އެކްޓަރު ޝާހިދު ކަޕޫރުގެ ކުރިއަށް އޮތް ފިލްމު 'ކަބީރު ސިންގ' ގެ ޓްރެއިލާ މިހާރު އާންމުކޮށްފައި ވާއިރު، ޓްރެއިލާއަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އަދި މިއީ ޝާހިދުގެ ތަފާތު މޮޅު ފިލްމަަކަށް ވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ޝާހިދަކީ އޭނާ ކުޅޭ ކޮންމެ ރޯލަކަށް ވެސް އެންމެ ފުރިހަމައަށް ތައްޔާރުވާ އެކްޓަރެކެވެ. އެގޮތުން 'ކަބީރު ސިންގ' އަށް ޝާހިދު އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވާކަން ޓްރެއިލާއިން ފާހަގަވެއެވެ.
ފިލްމުގައި ޝާހިދު ފެނިގެންދާނީ މެޑިކަލް ސްޓުޑެންޓެއްގެ ރޯލުންނެވެ. ކޮލެޖަށްދާ އުމުރުގެ މީހަކާ ވައްތަރުވުމަށް ޝާހިދު 14 ކިލޯ ލުއިކޮށްފައިވާ ކަމަށް އޭނާގެ ޓްރެއިނަރު މިވަނީ ހާމަކޮށްފައެވެ.
ޝާހިދު އެންމެ ފަހުން ކޮލެޖު ދަރިވަރެއްގެ ގޮތުގައި ފެނިގެން ދިޔައީ 2003 ވަނަ އަހަރު ރިލީޒްކުރި ފިލްމު 'އިޝްޤް ވިޝްކް' ގައެވެ. އެއީ އޭނާގެ ފުރަތަމަ ފިލްމެވެ. އެއަށްފަހު އޭނާގެ ހަށިގަނޑު ވަނީ ވަރުގަދަކޮށްފައެވެ.
އެހެންކަމުން 'ކަބީރު ސިންގ' އަށް ބަރުދަން ލުއިކުރަން މަޖުބޫރުވި އެވެ. ޝާހިދުގެ ޓްރެއިނަރު ބުނީ ފިލްމަށް ތައްޔާރުވުމަށް ޝާހިދުގެ ކެއުމަށް ބަދަލުގެނެގެސްފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ޑައެޓް ދުވާލަކު 1400-1500 ކެލޮރީ ޑައެޓެއް ވަނީ ބަދަލުކޮށްފައެވެ.
ފިލްމުގެ ފުރަތަމަ ބައިގައި ޝާހިދު ހިކިކޮށް ފެންނަ ނަމަވެސް، ފަހު ކޮޅަށް ދާއިރު އޭނާ އަކީ މަސްތުވެ، އަމިއްލަ ނަފްސަށް ގެއްލުންދޭ މީހަކަށް މުޅިން ބަދަލުވެ އެވެ. އަދި ހަށިގަނޑު ބިޔަ ނުކޮށް، މީހާ ފަލަ ކުރަން ޖެހުނެވެ.
'ކަބީރް ސިންގ' އަކީ ކާމިޔާބު ތެލުގޫ ފިލްމު 'އަރްޖުން ރެއްޑީ'ގެ ރީމޭކް އެކެވެ. ފިލްމުގައި ފެނިގެން ދާނީ އަންހެން ކުއްޖެއްގެ ލޯބީގައި ޖެހި، އެކުއްޖާ ބޭވަފާތެރިވުމުން ކާމިޔާބު ޑޮކްޓަރެއްގެ ދިރިއުޅުން ބަނަވެގެންދާ ގޮތެވެ.
ޖޫން 21ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމުގައި ޝާހިދު އާއެކު ފެނިގެން ދާނީ ޒުވާން އެކްޓަރު ކިއާރާ އަދްވާނީ އެވެ.