11 Apr 2019, 22:55
ކުޅުދުއްފުށީ ކުޅީގެ ބޮޑު ބައެއް ހިއްކައި އެ ރަށުގައި އެއާޕޯޓު އަޅާފައިވާ އިރު ކުޅީގެ ބާކީ އޮތް ބައި ހިމާޔަތްކޮށް އެ ބަޔަށް ދިރުން ގެނުވާނެ ގޮތެއް ހޯދަން ދިރާސާ ކުރުމަށް ފަންނީ މާހިރުންތަކެއް އެ ރަށަށް ގެންގޮސްފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީ އާއި "ސޭވް މޯލްޑިވްސް" ނަމަކަށް ކިޔާ ޖަމްއިއްޔާއެއް ގުޅިގެން މިއަދު ކުޅުދުއްފުށްޓަށް ގެންގޮސްފައި ވަނީ ހަތަރު ފަންނީ މާހިރުން ހިމެނޭ ޓީމެކެވެ.
އެ ޓީމުގައި ހިމެނޭ މާހިރުންނަކީ އެންވަޔަރަމެންޓް މިނިސްޓްރީއިން ގެނައި ދެ ސައިންސްވެރިންނާއި ސޭވް މޯލްޑިވްސް އިން ފަންޑުކޮށްގެން ގެނައި "މެންގްރޫވް އެކްޝަން ޕްރޮޖެކްޓް" ދެ ފަންނީ މާހިރުންނެވެ.
މެންގްރޫވް އެކްޝަން ޕްރޮޖެކްޓަކީ ކުޅި ފަދަ ގުދުރަތީ ތަންތަން ހިމާޔަތްކޮށް ސަލާމަތް ކުރުމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާ އެކެވެ. އެ ބޭފުޅުންގެ އިތުރުން އެ ޓީމުގައި ހިމެނެނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުލް ﷲ ނަސީރާއި އެ މިނިސްޓްރީގެ އޮފިޝަލުންތަކަކާއި ސޭވް މޯލްޑިވްސްގެ އޮފިޝަލުންތަކެކެވެ. އެ ޓީމު ކުޅުދުއްފުށްޓަށް ދިޔުމުން ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ އެ ރަށުގެ ޖަމްއިއްޔާއެއް ކަމަށްވާ ބިލީފް އިން އިންތިޒާމުކޮށްގެން ވަނީ ބޮޑުބެރުގެ ހަރަކާތްތަކާ އެކު ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ކުޅި ހިމާޔަތް ކުރާނެ ގޮތުގެ ދިރާސާއެއް ހެދުމަށް މާހިރުން ކުޅުދުއްފުށްޓަށް ދިޔުން -- ފޮޓޯ/ މެންގްރޯވް އެކްޝަން ޕްރޮޖެކްޓް
އެންވަޔަރަމެންޓް މިނިސްޓްރީގެެ ސްޓޭޓް މިނިސްޓަރ ޑރ. ނަސީރު ވިދާޅުވީ، އެ ޓީމުން ދެ ބައި ވެފައިވާ ކުޅުދުއްފުށީ ކުޅީގެ ސާވޭތަކެއް ހަދައި އެތަނަށް އެންމެ ރަނގަޅުވާނީ ކޮން ގޮތެއްތޯ ބެލުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އަދި އެ ޓީމުން ކުޅުދުއްފުށީގައި ހަތަރު ދުވަހު މަޑުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު އެ ރަށަށް ދިއުމަށް ފަހު، އެ ޓީމުން ވަނީ ކުޅިން ބޮބި ފާކޮށް ރޯނުވަށާ ބައެއް މީހުންނާ އެ ރަށު ކައުންސިލުގެ އިދާރާގައި ބައްދަލުކޮށް އެ މީހުންގެ ލަފާ ހޯދާފަ އެވެ. ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވީ މަދު ބައެކެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދެއްކި ބައެއް މީހުން ވަނީ ރަށުގެ އުތުރު ފަރާތު މޫދާއި ކުޅި ހޮޅިއަކުން ގުޅުވާލުމަށް ހުށަހަޅާފަ އެވެ. ނަމަވެސް ކުޅިއަކީ މީގެ ކުރިން ހަމައެކަނި ވަކި ދުވަސްވަރެއްގައި މޫދާއި ގުޅިފައި ހުރި ތަނެއް ކަމަށް ފާހަގަކޮށް، އަބަދުވެސް މޫދާ ގުޅޭ ގޮތަށް ހަދައިފި ނަމަ މައްސަލަތަކެއް ދިމާވެދާނެ ކަން މިނިސްޓްރީގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބައެއް މީހުން ބުނެފައި ވަނީ ރޯނު ވެށުމަށް ޒުވާނުން ޝައުގުވެރި ނުވާ ކަމަށެވެ. އެހެން ކަމުން އެ މަސައްކަތް ނުކުރެވޭ ގޮތަށް ކަންތައްތައް އިންތިޒާމު ކުރި ނަމަވެސް މައްސަލައެއް ނެތް ކަމަށް ބުނެ ބައެއް މީހުން ޝުއޫރު ފާޅުކުރި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ކުޅުދުއްފުށީ ކުޅީގެ ބައެއް ހިއްކައިގެން އެއާޕޯޓު އެޅުމުން އެ ކުޅި ވަނީ ދެ ބަޔަކަށް ބެހިފަ އެވެ. އޭގެތެރެއިން ރަށުގެ އެތެރެއަށް ވާ ގޮތަށް އޮންނަ މަށި ކުޅީގެ ބައެއް އަދިވެސް ސަލާމަތުން އެބަ ހުއްޓެވެ.