ބޭރު ގައުމެއްގެ އެންމެ އިސް ވެރިއަކު ނުވަތަ ސަރުކާރުގެ އެންމެ އިސް ވެރިއަކު ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރުމަށް ފުރުސަތު ދެވޭނެ އުސޫލެއް ކަނޑަ އަޅައި މަޖިލީހުގެ ގަވާއިދުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.

އާއްމު ކޮމިޓީން ދިރާސާ ކުރުމަށްފަހު އެ އުސޫލު މަޖިލީހުގެ ގަވާއިދުގައި ހިމަނަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުމުން އެކަން މަޖިލީހުން ފާސްކޮށްފައި ވަނީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 59 ވޯޓު ދެއްވައިގެންނެވެ. މަޖިލީހުގެ ގަވާއިދުގައި އެގޮތަށް ހިމަނަން ނުފެންނަ ކަމަށް ދެ މެންބަރުން ވޯޓު ދެއްވި އެވެ.

މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލާ ބެހޭގޮތުން ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް ވިދާޅުވީ، މިއީ މުހިއްމު ބަދަލެއް ކަމަށެވެ.

ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ ވިދާޅުވީ، ރަހްމަތްތެރި ގައުމުތަކުގެ ވެރިންނަށް ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރުމުގެ ދައުވަތު އެރުވުމަކީ ގާތްކަން ރަމްޒުކޮށްދިނުމުގެ ގޮތުން ކުރާކަމެއް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދަށް އެ އިސްލާހް ގެނައުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ފުރުސަތު ދިނުމުގައި މަޖިލީހަށް ހުށަހަޅައިގެން ތަޅުމުން ގޮތެއް ނިންމިގެން އެކަން ކުރާގޮތަށް ގަވާއިދު އިސްލާހްވެގެން ދިއުމަކީ މިހާރުގެ މާހައުލުގައި އެކަންކުރަން އޮންނަ އެންމެ ރަނގަޅުގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާ ވިދާޅުވީ، އެސޫލު އެގޮތަށް އޮތް ނަމަވެސް ފަލަސްތީނުފަދަ، ގައުމެއްކަމަށް ބައެއް ފަރާތްތަކުން ބަލައި ނުގަންނަ، ރާއްޖެއާ ވަރަށް ގާތް އެކުވެރި ގައުމުތައް ހުރިއިރު މަޖިލީހުގެ ގަވާއިދުގައި އެފަދަ ފަރާތްތަކަށް ފުރުސަތު އޮންނާނެ އުސޫލެއް ހިމަނަންޖެހޭނެ ކަމަށެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ، ބޭރުގެ އިއްޒަތްތެރިއަކު ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންނާ މުހާތަބު ކުރުމުގެ ފުރުސަތު ދިނުމަކީ އާދައިގެ ކަމެއް ނޫންކަމަށާއި އެއީ ވަރަށްބޮޑު ޝަރަފެއް އަދި ހާއްސަ އިމްތިޔާޒެއް ކަމަށެވެ. އަދި އެކަން ކުރުމަށް އޮތް އެސޫލަށް ތާއީދު ކުރެއްވި ނަމަވެސް އެކަން ކުރަން އޮތް ގޮތަށް ތާއީދު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މަޖިލީހަށް މައްސަލައެއްގެ ގޮތަށް ހުށަހަޅައިގެން ވޯޓަކުން ފާސްވުމުން އެއިން ބޭފުޅަކަށް މަޖިލީހަށް ދައުވަތު އަރުވާގޮތަށް އޮތުމަކީ ބަލައިލަން ޑިމޮކްރެޓިކް ގޮތެއް ނަމަ ވެސް އާއްމު ޑިޕްލޮމެޓިކް ހަމަތަކާ އެއްގޮތް ގޮތެއްނޫން ކަމަށެވެ.
"ވަރަށް އުނދަގޫވާނެ މަޖިލީހުގައި ވާހަކަ ދައްކަވަން ބޭނުންފުޅުކަމަށް އިޝާރާތެއް ކުރެއްވީމަ ސަރުކާރުން ނުވަތަ މަޖިލީހުން ދައުވަތު އެރުވުމުގެ ކުރިން އޭނައަށް ފުރުސަތު އަރުވާނެ ނެތޯ ބެލުމަށް ވޯޓަކަށް އެހުން. އަދި އެބޭފުޅަކާ ބެހޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަން ވަރަށް އުނދަގޫވާނެ. އެއީ އެހާރަނގަޅު އޮޕްޝަނެއް ކަމަކަށް ނުދެކެން. އެކަން ކުރެވޭނެ ގޮތެއް އެބައޮތް. މަޖިލީހުން އާއްމު ހަމަތަކެއް ކަނޑައަޅައިފައި މަޖިލީހުގައި ހާރިޖީ ކަންކަން ބެލެހެއްޓުމުގެ ބާރު ހަވާލު ކުރެވިގެންވާ ކޮމިޓީއަށް އެ ގަވާއިދު ހިންގުން ހަވާލު ކުރެއްވީމަ ކޮމިޓީ ފެންވަރުގައި އެކަން ނިމޭނެ . ސިޔާސީ ޕާޓީގެ މެންބަރުން ވެސް އެ އެކޮމިޓީގައި ތިބޭނެ. އެއީ ކަން ކަން އޮމާންކޮށް ޑިޕްލޮމެޓީކް އުސޫލުތަކާ އެއްގޮތް ވެގެންދާނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.