11 Apr 2019, 19:37
ގައުމީ ފެންކުންފުނި އެމްޑަބްލިއުއެސްސީގެ ހިދުމަތް ލިބުން ލަސްވާނަމަ 105 އަށް ގުޅުމަށް އެކުންފުނިން އެދެފިއެވެ.
އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުންނާ ވީހާވެސް ގާތުން، އަވަހަށް ހިދުމަތް ދިނުމަށް އެކުންފުނިން ގާއިމްކުރި ކަސްޓަމާ ސާވިސް ނަންބަރު 105 އަކީ 24 ގަޑިއިރު ގުޅޭނެ ނަންބަރެކެވެ.
އެކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުންފުނިން ދެމުންގެންދާ އެއްވެސް ހިދުމަތެއް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނުލިބި ލަސްވާނަމަ 105 އަށް ގުޅުމަށް އެދޭ ކަމަށެވެ. ކަސްޓަމަރުންނަށް ދޭ ހިދުމަތް ފުޅާކޮށް، ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ކުންފުނިން މަސައްކަތް ކުރާކަމަށް އެބަޔާނުގައި ބުންޏެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނީގެ ހިދުމަތް ނުލިބިގެން އެއްވެސް ރައްޔިތަކު އުޅެން ނުޖެހޭނެ ކަމަށެވެ.
"ހިދުމަތް ހޯދަން ބޭނުންވާ ފަރާތަކަށް، މިތަނަށް ނުގުޅިގެން އުޅެންޖެހޭނެ އެއްވެސް ސަބަބެއް އޮންނާނެ ކަމަކަށް ނުދެކެން. ކޮންމެ ފަންތިއެއްގެ ކޮންމެ ބޭފުޅަކަށް ވެސް އެއްވަރަކަށް ހަމަހަމަކޮށް ހިދުމަތްތައް ލިބެން ޖެހޭނެ ކަމަށް ގަބޫލު ކުރަނީ،" 105 އަކީ ކަސްޓަމަރުންގެ ޝަކުވާތައް ހުށަހެޅުމަށް ފަސޭހަކޮށްދިނުމަށް ތައާރަފު ކުރި ނަންބަރެެއްކަމަށް އާޒިމް ވިދާޅުވިއެވެ
"ސައުވީސް ގަޑި އިރު މަސައްކަތް ކުރަން ޓީމެއް އޮންނާނެ. އަދި 105 އަށް ގުޅައިގެން ހުށަހަޅާ މައްސަލަތަކަށް ވަގުތުން އެޓެންޑުވެ ހައްލު ކޮށްދޭނެ،" އާޒިމް ވިދާޅުވީ މައްސަލަ ހުށަހަޅާތާ 30 މިނެޓު ތެރޭ މުވައްޒަފުން އެޓެންޑުވާނެ ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަހުގެ ހަފްލާގައި ވާހަކަ ދައްކަވަމުން އާޒިމް ވަނީ 105 އާއެކު ކަސްޓަމަރުންގެ ޝަކުވާތައް މަދުވެފައިވާކަން ފާހަގަ ކުރައްވައިފައެވެ.