11 Apr 2019, 19:19
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް ހެލްތު މިނިސްޓްރީ އިން އިސްނަގައިގެން ފެއާއެއް ބާއްވަން ނިންމައިފިއެވެ.
މި ފެއާ އޮންނާނީ މާދަމާ ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން ދިހަޔަކަށް ހެންވޭރު ފުޓްބޯޅަ ދަނޑުގައެވެ. "ސިއްހަތުގެ ކައުނީ ހިޔާ: ކޮންމެ މީހަކަށް، ކޮންމެ ތާކުން" މި ޝިއާރުގެ ދަށުން ބާއްވާ ފެއާގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ އިދާރާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން ބައިވެރިވާނެއެވެ.
މި ފެއާގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ، ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ދަމަނަވެށި، ބްލަޑް ސާވިސް، އައިޖީއެމްއެޗް، އޭޑީކޭ، ޓްރީޓޮޕް، ކެންސާ ސޮސައިޓީ، ޑައިބެޓިކް ސޮސައިޓީ، މެންޓަލް ހެލްތު އެވެއާނެސް ފައުންޑޭޝަން، ޝީ އަދި ޓައިނީ ހާޓްސް ހިމެނެއެވެ.
މި ފެއާގައި ހިލޭ ހެލްތު ސްކްރީނިން ހެދުމުގެ އިތުރުން ނަފްސާނީ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތަކާމެދު މީހުން ހޭލުންތެރިކުުރުމުގެ އިތުރުން، ރައްކާތެރިކާނާ، މަގުމަތީގެ ރައްކާތެރިކަން އަދި ޑެންގީ އާއި ޗިކުން ގުންޔާ އިން ރައްކާތެރިވުމާ ގުޅޭގޮތުން މީހުން ހޭލުންތެރި ކުރާނެއެވެ.
ފެއާ ކުރިއަށްގެންދާނީ ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއެކުއެވެ.