ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާނު އަލުން ހަދަން ނުފެންނަ ކަމަށް ބުނެ މާލޭގެ ހަ ސެކަންޑްރީ ސްކޫލެއްގެ ބޯޑު މެންބަރުން އެކުލަވާލި ގަރާރެއް އެޑިއުކޭޝަން މިނިސްޓަރަށް މިއަދު ހުށަހަޅައިފި އެވެ.

އަމީނިއްޔާ ސްކޫލުން އިންތިޒާމުކޮށްގެން ރޭ އެ ސްކޫލުގައި ބޭއްވި ބައްދަލުވުމެއްގައި މަޖީދިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި ހިރިޔާ ސްކޫލާއި އަރަބިއްޔާ ސްކޫލާއި ޣާޒީ ސްކޫލް އަދި މުހިއްދީން ސްކޫލުގެ ބޯޑު މެންބަރުން އެކުލަވާލި ގަރާރުގައި އިމްތިހާން ބާއްވަން ނުފެންނަ ކަމަށް 12 ނުކުތާއެއް ފާހަކޮށްފައިވެ އެވެ.

އެގޮތުން ސްކޫލުތަކުގެ ބޯޑުން އެކުލަވާލި ގަރާރުގައި ބޮޑު އިމްތިހާނެއްގެ ތެރެއިން އަލުން އިމްތިހާނެއް ދެ ވަނަ ފަހަރަށް ހަދަން ޖެހުމުން ދަރިވަރުންނަށް ނަފްސާނީ ގޮތުން ނުރަގަނޅު އަސަރުތައް ކުރަމުންދާނެ ކަމަށް ގަރާރުގައިވެ އެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ސާމްޕަލް ޕޭޕަރަކީ ހުރިހާ ސްކޫލްތަކަށް ލިބުނު ޕޭޕަރެއް ކަމަށާއި ނަމަވެސް އެ މާއްދާ ކެންސަލް ކުރި އިރު، އެ ޕޭޕަރު ޕްރެކްޓިސް ކުރި ސްކޫލްތަކުގެ އަދަދު ބުނެފައި ނުވާ ކަމަށާއި އަދި އިމްތިހާނުގައި ދިން ޕޭޕަރާއި ސާމްޕަލް ކަރުދާހާ ފުށުއަރަނީ ކިތައް ސުވާލު ކަމަށާއި އެއީ ކިތައް މާކްސް ކަން ބުނެފައި ނުވާ އިރު އަލުން އެ ކަރުދާސް ހަދަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ބޯޑުތަކުގެ 36 މެންބަރަކު ބައިވެރިވި ރޭގެ ޖަލްސާގައި ފާސްކުރި ގަރާރުގައި ބުނެފައި ވަނީ، ކަރުދާސް ލީކްވި ކަމަށް އެޑިޔުކޭޝަނުން ބުނެފައި ނުވާ އިރު، އަދި އެހެން ބަޔަކު ކުރި ކަމެއްގެ އަދަބު އިމްތިހާނު ހެދި 10،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ދީގެންވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި އެކަމުގައި އިހުމާލުވި މީހުންނަށް ހައްގު އަދަބު ދިނުމަށް ވެސް ގަރާރުގައި ގޮވައިލާފައިވެ އެވެ.

ރޭގެ ބައްދަލުވުމުގައި ބައިވެރިވި ޣާޒީ ސްކޫލުން ބުނީ އެ ބޭފުޅުން އެ ސްކޫލުގެ ގްރޭޑް 10ގެ ބެލެނިވެރިންނާ ބައްދަލު ކުރުމުން އެ ކަރުދާސް އަލުން ހަދަން ފެންނަ ކަމަށް ބުނެފައިވާ ކަމަށެވެ. އެ ބޭފުޅުން ވިދާޅުވީ އެ ގޮތަށް އެ ސްކޫލުން ބުރަވަނީ ސާމްޕަލްސް ކަރުދާސް އެ ސްކޫލުގެ ދަރިވަރުން ނުހަދާތީ، އެހެން ބަޔަކަށް އެ އޭގެ އިތުރު އެޑްވާންޓޭޖުތަކެއް އޮވެދާނެތީ ކަމަށެވެ.