ހޮނިހިރު ދުވަހުން ފެށިގެން އެއް މަސްދުވަހަށް ހެންވޭރު އާޓިފިޝަލް ބީޗު ބަންދު ކުރަން ނިންމައިފިއެވެ.

ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ބުނީ އާޓިފިޝަލް ބީޗު ތަރައްގީ ކުރުމަށް މި ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެން އެއް މަސްދުވަހަށް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

އަދި މަސައްކަތް ނިމެންދެން އާޓިފިޝަލް ބީޗު ހިމެނޭ ސަރަހަައްދުގެ އެކި ބައިބައި އެކި ދުވަސްތައް މަތިން ބައިބަޔަށް ބަންދު ކުރާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

ހެންވޭރު އާޓިފިޝަލް ބީޗު ބަންދު ކުރަން ނިންމިއިރު، ލޮނުގަނޑުގައި ނަޖިސް ހުރުމުގެ ސަބަބުން މާފަންނު އާޓިފިޝަލް ބީޗު (ރަސްފަންނު) ވެސް ވަނީ ބަންދުކޮށްފައެވެ.

ނިމިދިޔަ ސަރުކާރުންވެސް ވަނީ އާޓިފިޝަލް ބީޗު ތަރައްގީ ކުރުމަށް މަޝްރޫއެއް އިއުލާނު ކޮށްފައެވެ.

މިސަރުކާރުގައި މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން އާޓިފިޝަލް ބީޗު ތަރައްގީ ކުރަން ނިންމާފައިވާއިރު އެ ސަރަހައްދު ތަރައްގީ ކުރާނީ ކުޑަކުދިންނަށް ކުޅެން އުޅެވޭނެގޮތައް އެ ކުދިންނަށް ރައްކާތެރި ތަނެއްގެ ގޮތުގައެވެ. އެ މަޝްރޫއު އެއްކޮށް ނިންމާލެވޭނީ އަހަރެއްހައި ދުވަހުން ކަމަށާއި މަސައްކަތް ނިމޭއިރު ޝަވާ އޭރިއާ އާއި ޕްލޭ އޭރިއާވެސް ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.