11 Apr 2019, 18:31
ފާއިތުވި ތިން މަހު އިންޑިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން މިއހަރުގެ މާޗް މަހުގެ ނިޔަލަށް އިންޑިއާގެ 36053 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު 85.5 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ ކުއާޓާއި ޓޫރިސްޓުން އައި އަދަދަށް ބަލާލާއިރު، އެއް ގައުމަކުން އެންމެ ގިނައިން ފަތުރުވެރިން އައި ފަސްވަނަ ގައުމަކީވެސް އިންޑިއާއެވެ.
ރާއްޖެއަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެންމެ ގިނައިން ފަތުުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވިދާޅުވީ ރާއްޖޭގެ ފަތުުރުވެރިކަމުގެ ދާއިރާއަށް އިންޑިއާގެ ބޮޑު މާކެޓެއް އެބަ އޮތް ކަަމަށެވެ.
އަދި ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ހުޅުވުމަށް ބޮލީވުޑްގެ ތަރިން ގެންނަނީވެސް ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އިންޑިއާގެ މާކެޓްއިން ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު އިންޑިއާގެ ގިނަ އަދަދެއްގެ ބޮލީވުޑްގެ ތަރިން ދޭތެރެ ދޭތެރެއިން ރާއްޖޭގައި ދަނީ ޗުއްޓީ ހޭދަކުރަމުންނެވެެ.