ޓެކްނޮލޮޖީގެ ދާއިރާއިން ތައުލީމު ހާސިލްކުރުމުގެ 12 ފުރުސަތެއް ތައިލެންޑްގެ އެސަންޕްޝަން ޔުނިވާސިޓީއާއި ރާއްޖޭގެ ޓެކްނޮލޮޖީ މިނިސްޓްރީ ގުޅިގެން ހަމަޖައްސައިފިއެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ މިއީ އެ މިނިސްޓްރީން މިދިޔަ މަހު ތައިލެންޑްގައި ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ތެރެއިން ހަމަޖެހުނު ފުރުސަތުތަކެއް ކަމަށެވެ.

އެ ފުރުސަތުތަކުގެ ދަށުން ފުލް ސްކޯލާޝިޕާއި އަދި 50 ޕެސެންޓް ހިލޭ ލިބޭ ސްކޮލަޝިޕް ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ.

ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް "ސަން" އަށް ވިދާޅުވީ ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި ވަރަށް ބޮޑު ހުސްކަމެއް އެބަހުރި ކަމަށާއި އަދި މިއީ އެ ދާއިރާއަށް މީހުން ބިނާކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

އެ ޔުނިވާސިޓީން ލިބުނު ފުރުސަތުތަކަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ އެސަންޕްޝަން ޔުނިވާސިޓީއަކީ ތައިލެންޑްގެ ޕްރައިވެޓް ޔުނިވާސިޓީތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޔުނިވާސިޓީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެ ދާއިރާ ކުރިއެރުވުމުގެ ގޮތުން އެ ދާއިރާގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ޓެކްނޮލޮޖީގެ މަސައްކަތްތަކުގައި އުޅޭ ބޭފުޅުންނާވެސް މަލީހު ވަނީ ދާދި ފަހުން ބައްދަލުކުރައްވައިފައެވެ.