18 Oct 2011, 16:07
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަރިހަށް އިންޑިޔާގެ ރިސާޗް އިންފޮމޭޝަން ސިސްޓަމް (އާރުއައިއެސް)ގެ ޗެއާމަން، އަދި އެގައުމުގެ ކުރީގެ ފޮރިން ސެކްރެޓަރީ ޝިޔަމް ސަރަން، އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މިބައްދަލުކުރެއްވުމުގައި، އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމުތައް ހިމެނޭ ގޮތަށް އުފެއްދެވުމަށް ހަމަޖެހިފައިވާ ޝިޕިން ލައިންގެ މަސައްކަތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި އަންނަ މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓާ ގުޅޭ ގޮތުންވެސް ދެބޭފުޅުން ހިޔާލު ބަދަލުކޮށްލެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާގެ ވިޔަފާރިވެރިން ރާއްޖޭގެ އެކި ސިނާއަތްތަކުގައި ކުރަމުން އަންނަ އިންވެސްޓްމަންޓްތަކުގެ މައްޗަށް އަލިއަލުއްވައިލައްވައި، އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އަންނަ ހެޔޮ ބަދަލު ފާހަގަކުރެއްވި އެވެ.
އާރުއައިއެސްގެ ޗެއާމަންގެ ވާހަކަފުޅުގައި، ރާއްޖޭގެ އިގުތިސާދު ތަރައްޤީކުރުމުގައި އިންޑިޔާ ސަރުކާރުން އެހީވެދެވެން ހުރި ދާއިރާތަކާއި ކުރެވިދާނެ ކަންކަމުގެ މައްޗަށް ހިޔާލު ބަދަލުކުރެއްވި އެވެ. މީގެ އިތުރުން، ސަރުކާރުގެ އިގުތިސާދީ ސިޔާސަތު ހަރުދަނާކުރުމަށް ރާއްވަވާފައިވާ ކަންކަމުގެ މައުލޫމާތު ރައީސް ނަޝީދަށް ޝިޔަމް ސަރަނަށް ދެއްވި އެވެ. އަދި ރާއްޖޭގައި އަލަށް ނަގަން ފެށުނު ޓެކްސްތަކާއި، ޓެކްސް ނިޒާމްގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރަމުންދާ ފައިދާގެ މައުލޫމާތު ވެސް ހިއްސާ ކުރެއްވި އެވެ.