11 Apr 2019, 15:54
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ވޯޓު ފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ހަރަކާތްތެރިވި ކަމަށާއި އެ ވޯޓު ފޮށިތަކުގެ ނަތީޖާ އަށް ބަދަލު އަންނާނެ އެއްވެސް ޝަކުވާ އެއް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަަށެވެ.
ބޭނުންވާ އަދަދަށް އޮފިޝަލުންގެ އަދަދު ހަމަ ނުވެގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ތިން ފަހަރެއްގެ މަތިން އޮފިޝަލުން ހޯދުމަށް އިއުލާން ކޮށްފަ އެވެ.
މަޖިލިސް އިންތިހާބު ރަސްމީ ނަތީޖާ އިއުލާން ކުރުމަށް އިންތިހާބީ މަރުކަޒު، ބާ ޖަމާލުއްދީންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، އިންތިހާބުގެ އޮފިޝަލުން ހޯދުމަށް ދެ ފަހަރެއްގެ މަތިން އިއުލާން ކުރި އިރު، އެއެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަށް ނުވާ ބޭފުޅުން ހޯދުމަށް އެ ކޮމިޝަން އިއުލާން ކުރި ކަމަށާއި ނަމަވެސް އެ ދެ ފަހަރު ވެސް އެ ކޮމިޝަނަށް ލިބުނީ 400 ވަރަކަށް އޮފިޝަލުން ކަމަށެވެ.
"ދެ ވަނަ ފަހަރަށް އިއުލާން ކުރުމުން ވެސް އޮފިޝަލުން އިތުރުނުވުމުން އަޅުގަނޑުމެން ނިންމީ، ސިޔާސީ ޕާޓީއެއްގައި އުޅުނުކަމުގައި ވިޔަސް ސިޔަސީ އިސް ހަރަކާތްތެރިއެއްގެ ގޮތުގައި ނުވަތަ ސިޔާސީ ޕާޓިއެއްގެ އިސް މަގާމެއްގެ ހަރަކާތްތެރި ނުވާ ކޮންމެ ފަރާތަކީ، ވޯޓު އޮފިޝަލެއްގެ ގޮތުގައި ބެހެއްޓި ދާނެ ކަމަށް،" އޮފިޝަލުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާން ކުރި އިރު ސިޔާސީ ޕާޓީ ތަކުގެ މެމްބަރުން އޮފިޝަލުންގެ ގޮތުގައި ނެގި ކަމަށް ބުނެ ޝަރީފް ވިދާޅުވި އެވެ.

މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، މަޖިލިސް އިންތިހާޞުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ހަރަކާތްތެރިވި ނަމަވެސް އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނާނެ އެއްވެސް ޝަކުވާއެއް އައިސްފައި ނުވާ ކަމަށް --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
ޝަރީފް ވިދާޅުވީ، އެފަދަ ސިޔާސީ ޕާޓީގެ މެމްބަރަކު އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރި ވެގެން އެ ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަދަލު އަންނާނެ ވަރުގެ އެއްވެސް ޝަކުވާ އެއް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
"[ސިޔާސީ ޕާޓީތަކުގެ މެމްބަރެއް] ފޮއްޓެއްގެ ވެރިއެއްގެ ގޮތުގައި ނުވަތަ ފޮއްޓެއްގެ ކައިރީގައި ހަރަކާތްތެރިވެގެން އޭނާގެ ފިކުރާ އެއްގޮތަށް އަމަލުކޮށްގެން އައިސްފައިވާ ނަތީޖާއަކާ ދޭތެރޭގައި އެއްވެސް ފަރާތަކުން އެއްވެސް ސުވާލު އުފައްދާފައި ނުވޭ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ވަކި ސިޔާސީ ފިކުރެއްގެ ބަޔަކު ވަކި ފޮއްޓަކަށް އިތުރުކޮށްގެން، އެ ސިޔާސީ ފިކުރަށް ފައިދާވާ ހޯދައި ދިނުމަށް ޓަކައި އިލެކްޝަންސް ކޮމިޝަނުން އެއްވެސް އިންތިޒާމުތަކެއް ހަމަޖައްސާފައި ނުވާ ކަމަށެވެ. އަދި އިންތިޚާބަށް ތިން ދުވަހަށް ވެފައިވަނިކޮށް، އޮފިޝަލުންގެ ލިސްޓެއް ކެންޑިޑޭޓުންނަށް ފޮނުވި ކަމަށް ޝަރީފް ވިދާޅުވި އެވެ.
އޮފިޝަލުންގެ ގޮތުގައި މަޖިލިސް އިންތިހާބުގައި 4،000 އަށް ވުރެ ގިނަ އޮފިޝަލުން ވަނީ ހަރަކާތްތެރިވެފަ އެވެ.
މަޖިލިސް އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދަކީ، 215،053 މީހުންނެވެ. މީއީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ 81 ޕަސަންޓެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މީއީ އެންމެ ގިނަ ބަޔަކު ވޯޓުލި މަޖިލިސް އިންތިހާބު ކަމަށެވެ.
މަޖިލިސް އިންތުހާބުގައި 87 ދާއިރާ އަށް 386 ކެންޑިޑޭޓުން ވާދަ ކުރި އެވެ.