ރައްޔިތުންގެ މަޖިލީހުގައި ވާދަކުރި ކެންޑިޑޭޓުން މޭ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން މާލީ ބަޔާން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނީ އިންތިހާބު ބާއްވާތާ 30 ދުވަހުގެ ތެރޭގައި ކަމަށް އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ވަނީ ބުނެފަ އެވެ. އެ މުއްދަތު ހަމަވާނީ މޭ މަހުގެ ހަވަނަ ދުވަހަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އެއް މަސް ހަމަވާ ދުވަހަކީ މޭ ހަ ވަނަ ދުވަސް ކަމަށެވެ. ނަމަވެސް އެ ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާތީ މާލީ ބަޔާން ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ މޭ ފަހެއް ކަމުގައި ކަނޑައަޅާފައިވާނެ ކަމަށެވެ.

މާލީ ބަޔާން ހުށަހަޅަން ހުރިހާ ކެންޑިޑޭޓުން ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ޝަރީފު އިލްތިމާސްކުރެއްވި އެވެ. މާލީ ބަޔާން ހުށަހެޅުމުގެ ޒިންމާ ނަގާނީ ކެންޑިޑޭޓާއި ކެންޑިޑޭޓުގެ ކެމްޕެއިން އެޖެންޓު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަ ކުރި އެވެ. އިންތިހާބުގައި ބަލިވި ނަމަވެސް މޮޅުވި ނަަމަވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ އެވެ. މާލީ ބަޔާނުގައި އެ ކެންޑިޑޭޓަކު ކެމްޕެއިނަށް ކުރި ހަރަދުގެ ތަފްސީލު ބަޔާން ކުރަން ޖެހޭނެ އެވެ.