ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިންވެސް އެ ޔުނިވާސިޓީގައި މަސައްކަތްކުރާ މުވައްޒަފުން ވިހެއުމާ ގުޅިގެން ހަ މަހުގެ ޗުއްޓީ ދޭން ނިންމައިފި އެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ސިވިލް ސާވިސްގެ އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނުވަތަ މެޓާނިޓީ ލީވް ހަ މަސް ދުވަހަށް، އަދި ބަފައިންނަށް ޕެޓާނިޓީ ލީވް އެއް މަސް ދުވަހަށް މުސާރަ ހިނގާ ގޮތަށް އިއްޔެ އިން ފެށިގެން ހަމަޖެހިގެން ދާނެކަން އިއުލާންކޮށްފަ އެވެ.

ވިހެއުމާ ގުޅިގެން މުސާރަ ހިނގާ ގޮތަށް މެޓާނިޓީ ލީވް ހަ މަސް ދުވަހަށް ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

އެމްއެންޔޫ އިން ބުނީ ވިހެއުމާ ގުޅިގެން ދެ ޖިންސްގެ މުވައްޒަފުންނަށް މުސާރައާ އެކު ލީވް ދޭން ނިންމި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ.

އެމްއެންޔޫ އިން މެޓާނިޓީ ލީވް އިތުރު ކުރުމަށް ނިންމި އިރު، ސަރުކާރުގެ ގިނަ ކުންފުނިތަކާއި އަދި މިނިވަން މުވައްސަސާތަކުން ވެސް ވަނީ ލީވް ހަ މަސް ދުވަހަށް ހަމަޖެއްސުމަށް ނިންމައިފަ އެވެ.

މީގެ ކުރިން ސިވިލް ސާވިސްގެ އަންހެން މުވައްޒަފުންނަށް މެޓާނިޓީ ލީވްގެ ގޮތުގައި ލިބެނީ ތިން މަހެވެ. އަދި ޕެޓާނިޓީ ލީވްގެ ގޮތުގައި ފިރިހެނުންނަށް މިހާތަނަށް ލިބެމުން އައީ ތިން ދުވަހެވެ.