11 Apr 2019, 14:19
ބޭންކް އޮފް މޯލްޑިވްސްއަށް ފައިދާގެ ގޮތުގައި މިދިޔަ އަހަރު 1.6 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ މިހާތަނަށް އެ ބޭންކަށް ލިބުނު ރެކޯޑު ފައިދާއެކެވެ.
ބޭންކް އޮފް މޯލްޑިވްސްގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް މިއަދު ވަނީ ޝާއިއުކޮށްފައެވެ. އެ ރިޕޯޓުގައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުުން ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 1.6 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މިއީ ޖުމްލަކޮށް ކުރީ އަހަރާ އަޅާބަލާއިރު 13 ޕަސަންޓު އިތުރު އަދަދެކެވެ.
ޓެކްސްއަށް ކެނޑުމަށްފަހު ލިބުނު އާމްދަނީއަކީ 1.09 ބިލިއަން ރުފިޔާއެވެ. މިއީ ޓެކްސްއަށް ކެނޑުމަށްފަހު ލިބުނު ފައިދާ އެއް ބިލިއަނަށް ވުރެ މައްޗަށް އެރި، ވިދިވިދިގެން ތިންވަނަ އަހަރެވެ.
ދެހާސް ސަތާރަވަނަ އަހަރަށްވުރެ 2018 ވަނަ އަހަރު ހިންގުމުގެ ހަރަދު ބޮޑުވި ނަމަވެސް ފައިދާގެ ތެރެއަށް އެއްފަހަރާ ގަނޑުކޮށް ލިބޭ އާމްދަނީ ނުހިމަނައި ވަރަށް ބޮޑު ފައިދާއެއް ހޯދުނުކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބޭންކް އޮފް މޯލްޑިވްސް ހިންގެވުމާ ހަވާލުވެ ހުންނެވި އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ ބީއެމްއެލްއިން މާލީ ގޮތުން ކާމިޔާބުޔ ނަތީޖާއެއް ހޯދާފައިވަނީ މައިގަނޑު ހުރިހާ ދާއިރާއެއްގެ ވިޔަފާރިން ލިބުނު ކުރިއެރުމުގެ ސަބަބުން ކަމަށެވެ.
"ހަމައެހެންމެ ދޫކުރެވުނު ލޯނު ދޫކުރެވުނު ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވުމާއެކުވެސްމެ. ލޯނުތަކުގެ ފެންވަރު ރަނގަޅުވެ، އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސަބަތްވަނީ މިވަނީ %5.3 އަށް ދަށްކުރެވިފައި،" ޑެޕިއުޓީ ސީއީއޯ ވިދާޅުވިއެވެ.
ބީއެމްއެލްއިން ބުނީ މިދިޔަ އަހަރު 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓާއެކު ހިންގި ޕްރޮގްރާމްތަކުގެ ދަށުން 110 ހަރަކާތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު ކަމަށެވެ.
ރެކޯޑް ފައިދާއާއެކު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 24 ރުފިޔާގެ މަގުން 129 މިލިއަން ރުފިޔާ ބެހުމަށް ކަނޑައަޅާފައިވާކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.