11 Apr 2019, 12:34
ޚަރުތޫމް (އޭޕްރިލް 11): ސޫދާންގެ ސަރުކާރާ ދެކޮޅަށް އެތައް ހާސް މީހުން ސިލްސިލާ މުޒާހަރާތައް ކުރާތާ ގާތްގަނޑަކަށް ފަސް މަސް މަހުން އެގައުމުގެ ރައީސް އުމަރު އަލް ބަޝީރު އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ހަބަރު ފެތުރިއްޖެ އެވެ.
ސައުދީ އަރަބިއާގެ އަލް އަރަބިއާ ޓީވީން ބުނާ ގޮތުގައި ސޫދާންގެ އަސްކަރިއްޔާއިން މިހާރު ވަނީ އިންތިގާލީ ކައުންސިލެއް އެކުލަވާލާފަ އެވެ. އަދި އެކައުންސިލުގައި އިސްކޮށް ހުންނަވާނީ ގައުމުގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު އަހުމަދު އަވާދު އިބްނު އައުފް އެވެ.
ސޫދާންގައި ސަރުކާރާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހު ފެށި މުޒާހަރާތަކުގައި މިހާތަނަށް 49 މީހުން ވަނީ މަރުވެފަ އެވެ. އަދި މިމަހުގެ ހަޔެއްގައި އެތައް ހާސް މީހުން ވަނީ ރައީސްގެ ގެކޮޅު ހުންނަ، އަސްކަރިއްޔާގެ މައި އޮފީސް ކުރިމަތީގައި އިހުތިޖާޖެއް ފަށާފަ އެވެ.
އަދި މުޒާހަރާގެ ބައިވެރިން ފޮނުވާލުމަށް އަސްކަރިއްޔާއިން މީގެ ކުރިން މަސައްކަތްކޮށްފައިވީ ނަމަވެސް މިހާރު މުޒާހަރާތައް ރޫޅާލަން ސިފައިން ހަރަކާތްތެރިނުވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި މިއަދު ދައުލަތުގެ މީޑިއާއިން ވަނީ ސޫދާންގެ އަސްކަރިއްޔާއިން "ވަރަށް އަވަހަށް ވަރަށް މުހިއްމު އިއުލާނެއް" ކުރާނެ ކަމަށް ބުނެފަ އެވެ.
އޭގެ ސަބަބުން ރައީސް ބަޝީރުގެ ވެރިކަން ނިމުމަކަށް އައިސްފައިވާ ކަމަށް ބުނެ ވެރިރަށް ޚަރުތޫމްގައި މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ އުފާފާޅު ކުރަން ފަށާފަ އެވެ.
ސޫދާންގެ ރައީސް ކަމަށް ބަޝީރު ވަޑައިގެންނެވީ 1989 ވަނަ އަހަރު ބަޣާވާތަކުންނެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެގައުމުގެ ޕައުންޑުގެ އަގު ވެއްޓި، ގައުމުގެ އިންފްލޭޝަން ރޭޓު ވަނީ 70 ޕަސެންޓަށް އަރާފަ އެވެ. އަދި ގިނަ ސިޓީތަކަށް ބޭނުންވާ ވަރަށް ކާނާ އާއި ތެޔޮ ނުލިބޭ މައްސަލަ ވަނީ އާއްމުވެފަ އެވެ.