ރަށުގެ ކަންތައްތައް ހައްލުކުރަން ސަރުކާރުގައި އެދުމުން ހައްލުވެފައި ނުވާކަމަށްބުނެ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާ ބައްދަލުކުރެއްވުމަށް ގއ. ގެމަނަފުށީ ކައުންސިލް ފަސް މެމްބަރުން މާލެ ވަޑައިގެންފިއެވެ. ގެމަނަފުށީ ކައުންސިލުގެ މެންބަރުން މާލެ ވަޑައިގަތީ މިއަދު ހެނދުނު އެވެ.

ޑީއާރްޕީގެ މެޖޯރިޓީ އޮންނަ ގެމަނަފުށީ ކައުންސިލްގެ ރައީސް އާސިމް މުހައްމަދު މިއަދު ވިދާޅުވީ 2008 ވަނަ އަހަރު އެރަށު ސްކޫލްގައި އިމާރާތް ކުރަންފެށި ފާހާނާ ބަރި ރޭނުމަށްފަހު އެއްވެސް ގޮތަކަށް ކުރިޔަށް ނުގޮސް ހުއްޓިފައިވާ ކަމަށާއި ދަރިވަރުން ފާހާނާކުރަން ފޮނުވަންޖެހިފައިވަނީ ގެއަށް ކަމަށެވެ. އަދި ވިދާޅުވީ ސްކޫލްގެ އިދާރީ ހުރިހާ މަސައްކަތްތައްކުރަން އެންމެ މުވައްޒަފަކު ހުރުމުން މަސައްކަތްތައް ފުނިޖެހިފައިވާއިރު ތަކުރާރުކޮށް ގައުމީ އިދާރާގައި ދަންނަވައިގެން ވެސް ސްކޫލަށް އިދާރީ މުވައްޒަފުން ހަމަނުޖެހުނު ކަމަށެވެ.
" 2008 ވަނަ އަހަރު ސްކޫލްގައި އިމާރާތްކުރަން ފަށާފައިވާ ފާހާނާ ބަރީގެ މަސައްކަތްވަނީ ހުއްޓިފައި. ކުދިން ފާހާނާއަށް ފޮނުވަންޖެހެނީ ގެޔަށް ނުވަތަ ސްކޫލާއި ކައިރީގައި ހުންނަ ގެޔަކަށް. ސްކޫލްގެ ޓީޗަރުން ހަމަވީކީއެއްނޫން. ސްކޫލްގެ ފައިސާގެ މަސައްކަތާއި އިންވެންޓްރީގެ މަސައްކަތާއި އަދި މީނުންވެސް އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރަން ހުންނަނީ އެންމެ މުވައްޒަފަކު. ސްކޫލާއި ކައުންސިލުން ތަކުރާރުކޮށް އެދުމުންވެސް ސަރުކާރުން އިދާރީ މުވައްޒަފުން ހަމަޖައްސައިނުދިން " އާސިމް ވިދާޅުވިއެވެ.

އާސިމް އިތުރަށް ވިދާޅުވީ ގެމަނަފުށީ ސިއްހީ މަރުކަޒުން އެންމެ އާދައިގެ ޓެސްޓުތައް ވެސް މިހާރު ނެހެދޭކަމަށާއި އަދި ބޭސްއަޅަން ބޭނުންކުރާ އާލާތް ހުސްވެފައިވާތާ އެތައް ދުވަހެއް ވެފައިވާއިރު އެ މަރުކަޒުގެ މެޝިންތައް ހަލާކުވެފައިވާ ހުންނަތާ ވެސް އެތައް ދުވަހެއް ވެފައިވާކަމަށެވެ. މާލެ އަންނަންޖެހުނީ ކައުންސިލުން ތަކުރާރުކޮށް އެދުމުން ވެސް ސަރުކާރުން އެ ކަންތައްތައް ހައްލުކޮށްދީފައި ނުވާތީ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.
" އަޅުގަނޑުމެން ތަކުރާރުކޮށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގަ ދަންނަވައިގެންވެސް ސަރުކާރުން އެ ކަންކަން ހައްލުކޮށެއްނުދިން. އެހެންކަމުން ކައުންސިލްގެ ޖަލްސާއަކުން ހުރިހާ މެންބަރުން އިއްތިފާގުވީ މާލެ ގޮސް ރައީސް ނަޝީދާއި ސަރުކާރުގެ ކަމާއި ބެހޭ އިސްވުޒާރާތަކާއި ބައްދަލުކުރެއްވުމަށް،" އާސިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކައުންސިލުގެ މެންބަރުން މާލެ އައުމަށް ފަހު ރައީސާ ބައްދަލު ކުރުމަށް މިހާރު އެޕޮއިންޓްމަނެޓެއް ހަދާފައިވާ ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Asim Mohammed (mp3)