ބ. ކެންދޫގައި ބެހެއްޓި އެ ދާއިރާގެ ވޯޓު ފޮށި ބާތިލު ކުރަން ހުށަހެޅި ނަމަވެސް އެކަން ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ މިހާރުވެސް އެދާއިރާގެ މެމްބަރު އަލީ ހުސައިނެވެ. އަލީ ހުސައިނަށް 988 ވޯޓު ލިބިވަޑައިގެންފައިވާއިރު އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ލަތީފަށް ލިބިވަޑައިގަތީ 829 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ކެންދޫ ދާއިރާގެ ވޯޓު ފޮއްޓާއި ގުޅިގެން ހުށަހެޅި ޝަކުވާތައް އެކޮމިޝަނުން ބެލިއިރު އެ ވޯޓު ފޮށި ބާތިލުކޮށް އަލުން ވޯޓު ނަގަން ޖެހޭ ސަބަބެއް ނުފެންނަ ކަމަށެވެ.

"ކެންދޫ ދާއިރާގެ އިންތިހާބު ބާތިލުކުރުމަށް އެއްވެސް ކަހަލަ ގަބޫލު ކުރެވޭ ހެއްކެއް އެމްޑީޕީއަކުން ހުށަހަޅާފައެއް ނުވޭ." އީސީގެ ރައީސް ޝަރީފު ވިދާޅުވިއެވެ.

ކެންދޫގެ ފޮއްޓާ މެދު މައްސަލަ ހުށަހެޅީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ލަތީފެެވެ. އޭނާ އެ މައްސަލަ ހުށަހަޅާފައި ވަނީ ކިއު ނަމްބަރަށް ވުރެ އިތުރަށް ފޮއްޓަށް ވޯޓުލާފައިވާ ކަމަށް އެ މައްސަލައިގައި ވެއެވެ. އަދި ވޯޓާސް ލިސްޓާއި އިނގިލީގައި ފާހަގަ ޖަހައި މާކު ކުރާ ލިސްޓާއި ކިއު ނަމްބަރު ދޫކުރި ލިސްޓާ ދިމާ ނުވާ ކަމަށާއި ވޯޓުލާ ގަޑި ހަމަވި ފަހުން ވެސް އެ ފޮއްޓަށް އޮފިޝަލަކު ވޯޓުލި ކަމަށް އެ މައްސަލައިގައި ވެއެވެ.