އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް އުފައްދައިފައިވާ ފިލްމު، އިންޑިއާގެ ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ރިލީޒްކުރުން، އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން މަނާކޮށްފިއެވެ.

އޮމަންގް ކުމާރު ޑައިރެކްޓުކޮށް، ވިވެކް އޮބެރޯއީ ލީޑު ރޯލުން ފެނިގެންދާ "ޕީއެމް ނަރެންދުރަ މޯދީ" ރިލީޒްކުރަން ހަމަޖެހިފައި އޮތީ މާދަމާއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ އެ ފިލްމު ރިލީޒްނުކުރެވޭނެ ކަމަށް ނިންމައިފައެވެ. ކޮމިޝަނުން އެގޮތަށް ނިންމީ، މިއަދު ލޯކް ސަބާ އިލެކްޝަންސްގެ ފުރަތަމަ ބައި ފަށާތީއެވެ.

އެ ކޮމިޝަނުން ބުނީ އެއްވެސް އިލެކްޓްރޯނިކް މީޑިއާއެއް ބޭނުންކޮށްގެން ވަކި ފިކުރެއް ނުވަތަ މީހަކު ޕްރޮމޯޓުކޮށް، އާންމުންގެ ވޯޓަށް ނުފޫޒު ފޯރުވަން ފުރުސަތު ނުދޭނެ ކަމަށެވެ. އެހެންކަމުން އިލެކްޝަން ކުރިއަށްދާ ދުވަސްވަރު "ޕީއެމް ނަރެންދުރަ މޯދީ" ރިލީޒް ކުރުން މިހާރު ވަނީ މަނާކޮށްފައެވެ. ފިލްމު ރިލީޒްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ބުނީ އެ މައްސަލައިގައި ގޮތެއް ނިންމަން އެންމެ އެކަށީގެންވާ ބަޔަކީ އިލެކްޝަން ކޮމިޝަން ކަމަށްވާތީ، ކޯޓުން އެ މައްސަލަ ނުބަލާނެ ކަމަށެވެ.

އިލެކްޝަން ނުނިމެނީސް މޯދީ ބަޔޮޕިކް ރިލީޒް ނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން، ފިލްމުގެ ހުރިހާ ޕްރޮމޯޝަނަލް އިވެންޓުތަކެއްވެސް މިހާރު ވަނީ ކެންސަލްކޮށްފައެވެ. އަދި އެކްޓަރު ވިވެކްއާއި ފިލްމުގެ ޓީމުން އަންނަނީ އެ ނިންމުމާ ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. "ޕީއެމް ނަރެންދުރަ މޯދީ"ގައި ފެނިގެން ދާނީ މޯދީގެ ޒުވާން ދުވަސްވަރާއި، ގުޖުރާތުގެ ޗީފް މިނިސްޓަރުކަން ލިބުނު ގޮތާއި، އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް މޯދީ ކުރި ދަތުރެވެ. ފިލްމުގައި ވިވެކްގެ އިތުރުން ދެން ފެނިގެން ދާނީ ދަރްޝަން ކުމާރު، ބޯމަން އިރާނީ، މަނޯޖް ޖޯޝީ، ޕްރަޝާންތު ނާރާޔަނަން، ޒަރީނާ ވައްހާބު އަދި ބަރްކާ ބިޝްތު ސެންގުޕްތާއެވެ.