11 Apr 2019, 10:54
ބްރަސަލްސް (އެޕްރިލް 11) : އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވާ ތާރީޚު (ބްރެކްސިޓްގެ ތާރީޚު) ފަސްކުރުމަށް އިނގިރޭސި ސަރުކާރުން އެދުނު އެދުމަށް އެ އިއްތިޙާދުން އިޖާބަ ދީފި އެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ޑިޕްލޮމެޓިކް ދާއިރާތަކުން ބުނީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވާ ތާރީޚު އަންނަ އޮކްޓޯބަރު މަހުގެ 31 އަށް ފަސްކުރުމަށް މިދިޔަ ބުދަ ދުވަހު ބްރަސަލްސްގައި ބޭއްވި ޔޫރަޕްގެ އިއްތިޙާދުގެ އިސްވެރިން އެއްބަސްވެ ވަޑައިގެންފައިވާ ކަމުގަ އެވެ. މިކަން ޔޫރަޕްގެ އިއްތިޙާދުން ރަސްމީ ސިފައެއްގައި އިއްލާންކުރާނީ ޔޫރަޕްގެ ލީޑަރުންގެ މިނިންމުން އިނގިރޭސި ސަރުކާރުން ގަބޫލުކުރުމަށްފަހުގައި ކަމަށް ވެސް ޔޫރަޕްގެ ޑިޕްލޮމެޓިކް ދާއިރާތަކުން ބުނެ އެވެ.
އިނގިރޭސި ސަރުކާރުން އެދުނީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވާ ތާރީޚު 30 ޖޫން އާ ހަމައަށް ފަސްކޮށްދިނުމަށެވެ. ނަމަވެސް ޔޫރަޕްގެ ލީޑަރުން ނިންމެވީ އޮކްޓޯބަރު މަހުގެ 31 އަށް ބްރެކްސިޓްގެ ތާރީޚު ފަސްކުރުމަށެވެ. ޔޫރަޕްގެ ލީޑަރުން ނިންމެވި މި ނިންމެވުމުގެ ތަފްސީލް މިހާރުވަނީ އިނގިރޭސި ސަރުކާރަށް އިއްޔެވަނީ ރަސްމީ ސިފައެއްގައި ހުށަހަޅައިފަ އެވެ.
އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވާން ކުރިން ހަމަޖައްސާފައި އޮތީ މިދިޔަ މާޗް މަހުގެ 29 ގަ އެވެ. ނަމަވެސް ވަކިވުމާ ބެހޭ ގޮތުން އިނގިރޭސި ސަރުކާރާއި ޔޫރަޕްގެ އިއްތިޙާދުން އެއްބަސްވި އެއްބަސްވުމަށް އިނގިރޭސި ޕާލިމެންޓްގެ ދަށުގެ ކަމަށްވާ ހައުސް އޮފް ކޮމަންސްގެ ރުހުން (ތިން ފަހަރު މަތިންވެސް) ނުލިބުމުން ބްރެކްސިޓްގެ ތާރީޚު ފަސްކޮށްދިނުމަށް އެދި އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ ޔޫރަޕްގްގެ އިއްތިޙާދަށް ހުށަހެޅުއްވީ އެވެ.
ތެރޭސާ މިގޮތަށް ހުށަހެޅުއްވީ ބްރެކްސިޓްގެ ތަރީޚު ފަސްކުރުމަށް ހައުސް އޮފް ކޮމަންސަށް ހުށަހެޅުމުން މިދިޔަ ހަފްތާގައި ހައުސް އިން އެކަމަށް ރުހުން ދިނުމާގުޅިގެންނެވެ. (ރޮއިޓާސް)