މި މަހުގެ ހަވަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ހުރިހާ ދާއިރާއެއްގެ ދާއިމީ ނަތީޖާ މިއަދު އިއުލާނު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ފަހު ހަތް ދުވަހު ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ މަޖިލިސް އިންތިހާބުގެ ހުރިހާ ދާއިރާއެއްގެ ދާއިމީ ނަތީޖާ މިއަދު އިއުލާނު ކުރާނެ ކަމަށެވެ. ނަމަވެސް ސީދާ ގަޑިއެއް އިލެކްޝަނަކުން ނުބުނެ އެވެ.

ދާއިމީ ނަތީޖާ އިއުލާނު ކުރުމަށް ފަހު އިންތިހާބީ ޝަކުވާތައް ދެން ހުށަހަޅަން ޖެހޭނީ ހައިކޯޓު މެދުވެރިކޮށެވެ.

އިންތިހާބާ ގުޅިގެން ގިނަ ޝަކުވާތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އިރު ޝަކުވާތަކާ ގުޅިގެން ބައެއް ވޯޓު ފޮށިތައް ވަނީ އަލުން ގުނައިފަ އެވެ. އަލުން ވޯޓު ފޮށި ގުނި ދާއިރާތަކުގެ ތެރޭގައި މާމިގިލީ ދާއިރާ، މާވަށު ދާއިރާ، މަޑުއްވަރީ ދާއިރާ އަދި ފޮނަދޫ ދާއިރާގެ އިތުރުން ބާރަށު ދާއިރާ ހިމެނެ އެވެ.

ވޯޓު ފޮށިތައް އަލުން ގުނުމުން ވޯޓުގެ އަދަދަށް ބަދަލުތަކެއް އައި ނަމަވެސް އެއްވެސް ދާއިރާއެއްގެ ނަތީޖާއަށް ބަދަލު އައިސްފައެއް ނުވެ އެވެ.

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި އިދިކޮޅު ޕީޕީއެމް އިން ފަސް ގޮނޑި، ކޮންގްރެސް ޕާޓީން ތިން ގޮނޑި ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި އެމްޑީއޭ އަށް ދެ ގޮނޑިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ކާމިޔާބު ކުރެވުނީ ފަސް ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ހަތް ބޭފުޅަކު ވަނީ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ޕާޓީތަކުން މި އިންތިޚާބުގައި ވާދަކުރިނަމަވެސް އެމްޑީޕީ އާއި ޕީޕީއެމް، ކޮންގްރެސް ޕާޓީ، އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީ ފިޔަވައި އެހެން އެއްވެސް ޕާޓީއަކަށް ގޮނޑިއެއް ކާމިޔާބު ނުކުރެވެ އެވެ.