11 Apr 2019, 09:30
ދިއްލީ (އޭޕްރިލް 11): އިންޑިއާގައި ހަތް ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ އާއްމު އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
އެއިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 900 މިލިއަނަށް އަރަ އެވެ. އަދި މިއަދު ފަށާ އިންތިހާބުގެ ފުރަތަމަ ފޭސްގައި 20 ސްޓޭޓެއްގެ 91 ދާއިރާއިން ވޯޓުލާނެ އެވެ.
އެސްޓޭޓުތަކުގެ ތެރޭގައި، އަންދުރަ ޕްރަދޭޝް، އަރުނާޗަލް ޕްރަދޭޝް، އައްސާމް، ބިހާރު، ޗައްތިސްގަރު، ޖައްމޫ އެންޑް ކަޝްމީރު، މަހާރަޝްތުރާ، މަނިޕޫރު، މެގާލަޔާ، މިޒޮރާމް، ނަގަލަންޑު، އޮޑީޝާ، ސިއްކިމް، ޓެލަންގަނާ، ތުރިޕޫރާ، އުއްތަރަ ޕްރަދޭޝް، އުއްތަރަކަންދު، ވެސްޓް ބެންގާލް، އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސް އަދި ލަކްޝަދުވީޕް ހިމެނެ އެވެ.
އޭގެ ތެރެއިން އަންދުރަ ޕްރަދޭޝް އާއި ނަގަލަންޑް ފަދަ ބައެއް ސްޓޭޓުތަކުގައި މިއަދު ވޯޓު ލާ ނިމޭނެ އެވެ. ނަމަވެސް އުއްތަރަ ޕްރަދޭޝް ފަދަ ބޮޑު ސްޓޭޓުތަކުގައި ވޯޓު ލުން ކުރިއަށް ގެންދާނީ އެކި ފޭސްތަކުގަ އެވެ. އަދި ދެވަނަ ފޭސްގެ ވޯޓުލުން އޮންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގަ އެވެ.
އެއިންތިހާބުގެ ވޯޓުލުން ނިމޭނީ އަންނަ މަހުގެ 19އިގަ އެވެ. އަދި ވޯޓު ގުނުމާއި ނަތީޖާ ފާޅު ކުރުން އޮންނާނީ އެ މަހުގެ 23ގަ އެވެ.
އެއިންތިހާބުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށް 543 މެމްބަރުން ހޮވާނެ އެވެ. އަދި ތިރީގޭގެ މެޖޯރިޓީ ލިބޭނީ 272 ގޮނޑި ނުވަތަ އެއަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީއަކަށެވެ. އެއަށް ފަހު މެޖޯރިޓީ ލިބޭ ޕާޓީ ނުވަތަ ކޯލިޝަނެއްގެ ކެންޑިޑޭޓަކު ބޮޑުވަޒީރުކަމަށް އިސް ކުރެވޭނެ އެވެ.
މީގެ ފަސް އަހަރު ކުރިން ބޭއްވި އާއްމު އިންތިހާބު ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ކާމިޔާބު ކުރީ މަޖިލީހުގެ 282 ގޮނޑި ހޯދައިގެންނެވެ. އަދި މިފަހަރު ވެސް އެޕާޓީން ދަނީ ނަރެންދުރަ މޯދީއަށް ދެވަނަ ދައުރެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އެއިންތިހާބުގައި މޯދީއާ އެއްމެ ގާތުން ވާދަ ކުރާނެ ކަމަށް ބެލެވެނީ ރާހުލް ގާންދީ އިސްވެ ހުންނަވާ ކޮންގްރެސް ޕާޓީންނެވެ. މިދިޔަ ޑިސެމްބަރު މަހު އިންޑިއާގެ ފަސް ސްޓޭޓެއްގައި ބޭއްވި މަޖިލިސް އިންތިހާބުން ބީޖޭޕީއަށް ވުރެ ބޮޑު ކާމިޔާބީއަށް އެޕާޓީ އަށް ވަނީ ލިބިފަ އެވެ. އެހެންކަމުން ކޮންގްރެސް އިން އޮތީ އާއްމު އިންތިހާބުގައި ވެސް އެފަދަ ނަތީޖާއެއް ފެންނާނެ ކަމުގެ އުއްމީދުގަ އެވެ.