ރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަޔެކްސްއިން ވަރުގަދަ ޔުވެންޓަސް މޮޅުވިޔަ ނުދީ ހިފެހެއްޓި އިރު މެންޗެސްޓާ ޔުނައިޓެޑް އަތުން ބާސެލޯނާ ހަނި ގޮތަކަށް މޮޅުވެއްޖެ އެވެ.

ނެދަލެންޑްސްގެ އެއްވަނަ ކުލަބް އަޔެކްސްގެ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗު 1-1 އިން އެއްވަރުވި އިރު މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މެޗު 0-1 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ބާސެލޯނާ އެވެ. އަންނަ ހަފްތާ މި ޓީމުތަކުގެ ދެވަނަ ކުރިމަތިލުން ކުޅޭ އިރު ކޮންމެ ޓީމަކަށް ވެސް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-1 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ބާސެލޯނާ --- ފޮޓޯ/ ސަޗާ ޕިސަނީ

ރޭގެ މެޗުގެ ނަތީޖާތަކަށް ބަލައި ދެވަނަ ލެގުގައި ނުކުމެގެންދާނެ ނަތީޖާއެއް ބުނަން ދަތިވި ނަމަވެސް އެޑްވާންޓޭޖް ބޮޑުވާނީ ބާސެލޯނާއަށާއި ޔުވެންޓަސް އަށެވެ. ސަބަބަކީ ދެވަނަ ލެގު ކުޅެވިގެންދާނީ އެ ދެ ޓީމުގެ އަމިއްލަ ދަނޑުގައި ކަމަށް ވާތީއެވެ.

ނަމަވެސް މުބާރާތުގެ ދެވަނަ ރައުންޑަށް ބަލާލުމުން އެނގިގެން ދަނީ އަމިއްލަ ދަނޑުގައި ކުޅެން ޖެހުނަސް ނަތީޖާ ކޮންމެ ގޮތަކަށްވެސް ނުކުމެދާނެ ކަމެވެ. އެގޮތުން ބަލާ އިރު މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީގެ ކުރިމަތިލުމުން އެކަން ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ. އަމިއްލަ ދަނޑުގައި 0-2 ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިވުމަށްފަހު ކުއާޓާގެ ޖާގައެއް އެ ޓީމުން ކަށަވަރު ކުރީ ޕީއެސްޖީގެ ދަނޑުގައި ކުޅެ 1-3 ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ.

މަޝްހޫރު ޔޯހަން ކްރަޔަފް އެރީނާގައި ރޭ ކުޅުނު މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ޔުވެންޓަސްއިންނެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެ ޓީމާ އަލަށް ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި 125 ވަނަ ގޯލެވެ.

ފުރަތަމަ ހާފު ޔުވެންޓަސް ކުރީގައި އޮވެ ނިންމާލި ނަމަވެސް ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނަޓުތެރޭގައި އަޔެކްސްއިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ޒުވާން ފޯވާޑް ޑޭވިޑް ނެރެސް އެވެ. ރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްތައިގެން ގިނަ ހަމަލާތަކެއް އަޔެކްސްއިން ވަނީ އުފައްދާފަ އެވެ. ރޭގެ ނަތީޖާއާ އެކު ދެވަނަ ލެގުގައި މި ދެ ޓީމުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެގެންދާނެއެވެ.

އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ރޭ ވަރުގަދަ ބާސެލޯނާ ހިފަހައްޓަން ބުރަ މަސައްކަތް ކޮށްފައިވާ އިރު އެ ޓީމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށް ވީ އެ ޓީމުގެ ޑިފެންޑަރު ލޫކް ޝޯ އަތުން ބައިކޮޅަށް ވަތް ގޯލުންނެވެ. ދެ ޓީމުގެ ފަރަގަކަށް އެ ގޯލު ވީ އިރު ބާސެލޯނާއިން ރޭގެ މެޗުގައި ވަނީ ޑޮމިނެންޓް ކުޅުމެއް ކުޅެފަ އެވެ.

އެ މެޗުގައި އެންމެ ފާހަގަވެގެން ދިޔަ ކަމަކީ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއަށް ޔުނައިޓެޑްގެ ޑިފެންޑަރު ކްރިސް ސްމޯލިންގް ކުރި ފައުލެވެ. ސްމޯލިންގް ދިން ހަމަލާގައި މެސީގެ ނޭފަތް ބިނދުނު އިރު އޭނަ ވަނީ ރޭގެ މެޗު ނިމެންދެން ކުޅެފަ އެވެ. ނަމަވެސް އެ ހަމަލާދިނުމުން ރެފްރީ ސްމޯލިންގްއަށް ރީންދޫ ކާޑެއްހާ ވަރުވެސް ދައްކާފައެއް ނުވެއެވެ.

ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-1 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ބާސެލޯނާ --- ފޮޓޯ/ ސަޗާ ޕިސަނީ

ރޭގެ ނަތީޖާއާ އެކު ބާސެލޯނާއަށް އެޑްވާންޓޭޖް ބޮޑުވި ނަމަވެސް މާޒީއަށް ބަލައި ޔުނައިޓެޑުން އެނބުރި އައުމަކުން އައިސް މެޗުގެ ނަތީޖާ އަނބުރާކުމަކީ ވެސް ވެދާނެ ކަމެކެވެ.

ރޭގައި ކުޅުނު ޓީމުތަކުގެ ދެވަނަ ކުރިމަތިލުން އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު އެވެ.