10 Apr 2019, 23:00
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން މާދަމާއަށް ފަސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ "ސަން" އަށް ވިދާޅުވީ ދާއިމީ ނަތީޖާ އިއުލާންކުރުން މަދަމާއަށް ފަސްކުރީ ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް އަލުން ގުނުމުގެ މަސައްކަތް ނުނިމޭތީ ކަމަށެވެ.
ރަސްމީ ނަތީޖާ އިއުލާންކުރުން އޮންނާނީ މާދަމާ ހެނދުނު 10:00 ގައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން އިންތިޚާބާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އިދިކޮޅު ޕީޕީއެމް އިން ފަސް ގޮނޑި، ކޮންގްރެސް ޕާޓީން ތިން ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ. އެމްޑީއޭ އަށް ކާމިޔާބު ކުރެވުނީ ދެ ގޮނޑިއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ ފަސް ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ހަތް ބޭފުޅަކު ވަނީ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ޕާޓީތަކުން މި އިންތިޚާބުގައި ވާދަކުރިނަމަވެސް އެމްޑީޕީ އާއި ޕީޕީއެމް، ކޮންގްރެސް ޕާޓީ، އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީ ފިޔަވައި އެހެން އެއްވެސް ޕާޓީއަކަށް ގޮނޑިއެއް ކާމިޔާބު ނުކުރެވެއެވެ.