10 Apr 2019, 22:14
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލ. ފޮނަދޫގައި ބެހެއްޓި ފޮނަދޫ ދާއިރާގެ ދެ ނަންބަރު ވޯޓު ފޮށީގެ ބާތިލް ވޯޓުތައް މިރޭ އަލުން ގުނިއިރުވެސް ނަތީޖާއަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
މިރޭ އިންތިޚާބީ މަރުކަޒުގައި އެ ފޮށި ގުނިއިރު ބާތިލް ވޯޓުގެ ގޮތުގައި އެ ފޮއްޓަށް ލިބިފައި ވަނީ ކުރިންވެސް ހުރި އަދަދަށް 13 ވޯޓެވެ.
އެ ފޮށީގެ ނަތީޖާއަށް ބަލާއިރު، އެ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ލިބިވަޑައިގެންފައި ވަނީ 382 ވޯޓެވެ. އަދި އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ސިރާޖަށް ލިބިވަޑައިގަތީ 126 ވޯޓެވެ.
ފޮނަދޫ ދާއިރާގެ ޖުމްލަ ނަތީޖާއަށް ބަލާއިރު، އަދުރޭ އަށް ލިބިވަޑައިގެންފައި ވަނީ 963 ވޯޓެވެ. ސިރާޖަށް ލިބިވަޑައިގަތީ 1007 ވޯޓެވެ.
އަދުރޭގެ ސަޕޯޓަރުން މިރޭ ވަނީ ހުރިހާ ވޯޓު ފޮށިތައް ގުނުމަށް އެދިފައެވެ. ނަމަވެސް އެކަން ކުރެވެން ނެތްކަމަށް ކޮމިޝަނުން އެންގިއެވެ. އެހެންވެ ސަޕޯޓަރުން ވަނީ އެކަމާ ނުރުހުންފާޅުކޮށް އިންތިޚާބީ މަރުކަޒުން ނުކުމެގެން ގޮސްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ބާކީ ހުރި ފޮށިތައް ނުގުނަން ނިންމީ އަދުރޭ އާއި ސިރާޖާ ދެމެދު ހުރި ވޯޓުގެ ފަރަގަކީ 44 ކަމަށްވާއިރު، މިރޭ ގުނި ފޮށިންވެސް އެ ފަރަގު އެއްވެސް ވަރަކަށް ކުޑަކުރެވިފައިނުވާތީ ކަމަށެވެ. ފޮނަދޫ ދާއިރާގެ ބާތިލް ވޯޓުގެ ޖުމްލަ އަކީ 46 އެވެ.