11 Apr 2019, 09:13
ވައިޓް ހައުސް (އެޕްރީލް 10) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ފޯނުން ގުޅުއްވައި އީރާނަށް ފިޔަވަޅު އެޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
ވައިޓް ހައުސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޓްރަމްޕާއި މުހައްމަދު ބިން ސަލްމާން މަޝްވަރާކުރެއްވީ މެދުއިތުމަތީގައި ހަމަޖެހުން ގާއިމް ކުރުމާބެހޭގޮތުންނާއި އީރާން އެކަހެރިކޮށް އީރާނަށް އިތުރު ފިއްތުންތައް ކުރިމަތި ކުރުމާބެހޭގޮތުން ކަމުގައެވެ. ދެބޭފުޅުންގެ ފޯން މަޝްވަރާތަކުގައި ސައޫދީ ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީގެ މަރުގެ މައްސަލަ ނުހިމެނޭ ކަމަށް ވައިޓް ހައުސްގެ ބަޔާން ބުނެއެވެ.
ޓްރަމްޕް، ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވީ ޖަމާލްއަލްޚާޝުގްޖީ އަވަހާރަކޮށްލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ސައޫދީ ސޯޅަ މީހެއްގެނަން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރެފައިވަނިކޮށެވެ.
އެ މީހުންގެ ތެރޭގައި މުހައްމަދު ބިން ސަލްމާންގެ ކުރީގެ ގާނޫނީ މުސްތަޝާރު ސުއޫދުލް ގަހްތާނީ އާއި ސައޫދީ ޖާސޫސީ އިދާރާގެ ވެރިއެއްކަމަށްވާ ކާނަލް މާހިރުލްމުތްރިބް ހިމެނެއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ އެ ސޯޅަ މީހުން އެމެރިކާއަށް ވަނުން މަނާކުރިކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. އެމެރިކާގެ މި ނިންމުމަށް ސައޫދީ ސަރުކާރުން ކޮމެންޓް ކޮށްފައިނުވާއިރު ސައޫދީ ރަސްމީ މީޑިޔާއިންވެސް އެމެރިކާގެ އެ ނިންމުމަށް މާބޮޑު ސަމާލުކަން ދީފައެއް ނުވެއެވެ.
އެމެރިކާގެ ކޮންގްރެސް އިން ގެންދަނީ ސައޫދީ އިސްވެ އޮވެގެން ކުރިޔަށްގެންދާ ޔަމަންގެ ހަނގުރާމައިގެ މައްސަލާގައާއި ޚާޝުގްޖީގެ މަރުގެ މައްސަލާގައި ސައޫދީ އަށް ފިއްތުންތައް ކުރިމަތި ކުރުމަށް ޓްރަމްޕްގެ ސަރުކާރަށް ބާރުއަޅަމުންނެވެ. ނަމަވެސް އިގްތިސާދީ ސަބަބުތަކަށް ޓަކައި ސައޫދީ ސަރުކާރުގެ އަމަލުތަކަށް އެމެރިކާ ސަރުކާރުން ފިއްތުންތައް ކުރިމަތިކުރުމަށް ވަނީ ފަސްޖެހިފައެވެ. (ނޫސްއެޖެންސީތައް)