ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އދ. މާމިގިލި ކައުންސިލާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ މިހާރު މާމިގިލީގެ ހާލަތާއި، މާމިގިލި ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސް ސޯލިހާ ހިއްސާކުރައްވައިފަ އެވެ.

އެގޮތުން، ރަށުގެ ސިއްހީ މަރުކަޒުން ލިބެންހުންނަ ސިއްހީ ހިދުމަތްތައް މަދުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ރަށުގެ ސްކޫލަށް ދިމާވެފައިވާ ދަތިތައް ހިއްސާކޮށް ޔޫތު ސެންޓަރު މަރާމާތުކުރަން ބޭނުންވާކަން ކައުންސިލް މެންބަރުން ވަނީ ހިއްސާ ކުރައްވައިފަ އެވެ. އޭގެ އިތުރުން މެންބަރުން ވަނީ ރަށުގެ މަގު ހެދުމާއި މިސްކިތްތައް މަރާމާތުކުރުމަށް ބޭނުންވެފައިވާކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު އެ ބައްދަލުވުމުގައި ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.