ތެހެރާން (އޮކްޓޯބަރ 18) : ވޮޝިންގޓަން ގައި ހުންނަވާ ސަޢޫދީ ސަފީރު ޢާދިލްއަލްޖުބައިރު އަވަހާރަކޮށްލުމަށް މަސައްކަތް ކުރުމުގެ ތުހުމަތު އީރާންގެ ބޮލުގައި އެޅުވުމުގެ އެއްބޭނުމަކީ އީރާނާއި ސަޢޫދީ އަރަބިޔާ ޖައްސައި ދުޝްމަން ކުރުވުން ކަމަށް އީރާނުގެ ރައީސް މަޙްމޫދް އަޙްމަދީ ނެޖާދް ވިދާޅުވެއްޖެވެ.

އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ނެޖާދް ވިދާޅުވީ އީރާނާއި ސަޢޫދީ އަރަބިޔާއަކީ އަވަށްޓެރި މުސްލިމް ދެޤައުމު ކަމަށާއި ދެޤައުމުގެ ދެމެދުގައި ޑިޕްލެމެޓިކް އޮޅުންތަކެއް މިވަގުތު ހުރިނަމަވެސް ދެޤައުމުގެ ދެމެދުގައި އެއްވެސް ދުޝްމަންކަމެއް ނެތްކަމުގައެވެ. އީރާނާ އަވަށްޓެރި އަދި އިސްލާމީ ގޮތުން އުޚުއްވަތްތެރި ޤައުމެއް ކަމަށްވާ ސަޢޫދީ އަރަބިޔާގެ ސަފީރެއް އަވަހާރަކޮށްލުމަށް މަސައްކަތްކުރާ ވަރަށް އީރާންގެ ސަރުކާރާއި މަސްއޫލުވެރިން ނުބައިނުވާނެކަމަށާއި އެފަދަ ނުބައި ޢަމަލެއް ހިންގައިގެން އީރާނަށް ކުރާނީ ކޮންފައިދާއެއްތޯ ސުވާލު ކުރެއްވިއެވެ.

ޤައުމުތަކުގެ މަސްއޫލުވެރިން މެރުމަކީ އެމެރިކާގެ ޖާސޫސީ އިދާރާ (ސީ.އައި.އޭ.) ގެ ޘަޤާފަތެއް ކަމަށާއި އެއީ މާޒީއަށް ބެލިނަމަވެސް އީރާނުގެ ޘަޤާފަތެއް ނޫންކަން ތާރީޚު ހެކިދޭނެ ކަމަށް ނެޖާދް ވިދާޅުވިއެވެ. މިހާރުވެސް ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން ޕާކިސްތާންފަދަ ޤައުމުތަކަށް ޙަމަލާދީ މީހުން މަރަމުން ގެންދަނީ އެމެރިކާކަން ދުނިޔެއަށް އެނގޭނެ ކަމާށާއި ޗިލީގެ ކުރީގެ ރައީސް ސެލްވަޑޯ ލެނިންޑީފަދަ ޤައުމުތަކުގެ ސިޔާސީ ބޭފުޅުން މެރުމުގެ ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ ޤައުމަކީ އެމެރިކާ ކަމަށް ވިދާޅުވިއެވެ.

ސަޢޫދީ އަރަބިޔާއާއި އީރާން ޖައްސައި ދުޝްމަންކުރުވުމުން ފައިދާލިބޭނީ އެމެރިކާއަށާއި އިސްރާއީލަށް ކަމަށާއި އެކަމުގެ ގެއްލުން ލިބޭނީ މުސްލިމް އުންމަތަށް ކަމަށްވާތީ ސަޢޫދީ ސަފީރު އަވަހާރަކޮށްލުމަށް މަސައްކަތް ކުރުމުގެ ތުހުމަތު އީރާންގެ ބޮލުގައި އެޅުވުމުގައިއެމެރިކާގެ އެއްބޭނުމަކީ އެއީ ކަމަށް ނެޖާދް ވިދާޅުވިއެވެ. ނެޖާދް ވިދާޅުވީ މިމައްސަލަ ބޭނުންކޮށްގެން ސައޫދީ އަރަބިޔާއާއި އީރާން ދުޝްމަން ކުރުވުމަށް އެމެރިކާ ކުރާ މަސައްކަތުގެ ފަހަތުގައި ވަނީ ޒަޔަނިސްޓް ޔަހޫދީ ޖަމާޢަތްތައް ކަމަށާ ނަމަވެސް މިކަމުން އީރާނާއި ސަޢޫދީ އަރަބިޔާ ދުޝްމަން ނުކުރެވޭނެ ކަމުގައެވެ.
ސަޢޫދީ މަސްއޫލުވެރިންނަކީ އެމެރިކާގެ ޒަޔަނިސްޓް ޖަމާއަތްތަކުގެ ޙަޤީޤަތް ނޭންގޭވަރުގެ ބައެއްނޫން ކަމަށާއި މިހާރުވެސް އިރާނާއި ސަޢޫދީ އަރަބިޔާއާ ދެމެދުޑިޕްލޮމެޓިކް މުޢާމަލާތައް ބަރާބަރަށް ކުރެވެމުންދާ ކަމަށާއި ސަޢޫދީ ސަފީރުވެސް ހުންނެވީ ތެހެރާންގައި ކަމަށް ނެޖާދް ވިދާޅުވިއެވެ.

ނެޖާދްގެ ވާހަކާގައި ސަޢޫދީ ސަފީރު އަވަހާރަކޮށްލުމަށް މަސައްކަތްކުރި ކަމަށްބުނެ މީހަކު ހައްޔަރުކޮށްގެން އެމެރިކާ ކުޅެމުން ގެންދަނީ ޢިރާޤަށް އަރައިގަތުމަށްޓަކައި ޢިރާޤުގައި ހަތިޔާރުހުރި ކަމަށް ދެއްކުމަށް ޓޯނީ ބްލެއަރ އާއި ޖޯޖް ޑަބްލިޔުބުޝް ކުޅުއްވިފަދަ ޑްރާމާއެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. މިމައްސަލާގައި އެމެރިކާ ހައްޔަރުކުރި އީރާން ދަރިކޮޅުގެ އެމެރިކާ މީހާއަކީ އެމެރިކާގެ ޖާސޫސީ އިދާރާ (ސީ.އައި.އޭ) ގެ އެޖެންޓެއް ކަމަށާ އެމެރިކާ ބޭނުންވާ ޢިޢްތިރާފްތައް އެމީހާ އެމެރިކާގެ މުޙައްޤިޤުންނަށް ދީ އީރާން ގެ ބޮލުގައި އެކަން އަޅުވާނެ ކަމަށް ނެޖާދް ވިދާޅުވިއެވެ.
އީރާނުންވަނީ އެމެރިކާގެ ތުހުމަތުތަކުގެ ޙަޤީޤަތް ބެލުމަށްޓަކައި މުސްތަޤިއްލު ގޮތެއްގައި އެކަން ތަޙްޤީޤް ކުރުމަށް އެއްބާރުލުންދޭނެކަން ހާމަކޮށްފައެވެ. އީރާންގެ ދިނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި ވަނީ ސަޢޫދީ ސަފީރު އަވަހާރަކޮށްލުމަށް މަސައްކަތްކުރި ކަމުގެ މައްސަލަ މިވަގުތު ފެންމަތިކުރުމުގެ އެއްބޭނުމަކީ އެމެރިކާގެ އަނިޔާވެރި މާލީ އަދި އިޤްތިސާދީ ނިޒާމާ ދެކޮޅަށް އެޤައުމުގެ ރައްޔިތުން މުޒާހަރާކުރަމުންގެންދާ މައްސަލަ އޮއްބާލުން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އެމެރިކާވަނީ ސަޢޫދީ ސަފީރު އަވަހާރަކޮށްލުމަށް އީރާނުން މަސައްކަތްކުރި ކަމަށްބުނެ ތުހުމަތުތަކެއްކޮށް އީރާން ދަރިކޮޅުގެ އެމެރިކާ މީހަކު ހައްޔަރުކޮށްފައެވެ. މިމީހާ، ސަޢޫދީ ސަފީރު އަވަހާރަކޮށްލަން ރާވާފައިވަނީ ވޮޝިންގޓަންގައިސަފީރު ވަޑައިގަންނަވާ ރެސްޓޯރެންޓެއްގައި ބޮމެއް ހަރުކޮށްގެން ކަމަށް އެމީހާ އެއްބަސްވެފައިވާ ކަމަށް އެމެރިކާ ބުނެއެވެ. ނަމަވެސް ޚުދު އެމެރިކާގެ ބައެއް ނޫސްތައްވެސްވަނީ އެމެރިކާއަކީ ދޮގުހެދުމުގެ ސަބަބުން އިތުބާރު ގެއްލިފައިވާ ޤައުމެއް ކަމަށްބުނެ މިތުހުމަތުތަކާމެދު ޝައްކުކޮށްފައެވެ.

އީރާނާ ދެކޮޅަށް ކޮންމެފަދަ ހަރުކަށި ފިޔަވަޅުތަކެއްވެސް އަޅަންޖެހިދާނެ ކަމުގެ އިންޒާރު ދިނުމަށްފަހު އެމެރިކާވަނީ މިހާރު މިމައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ފޮނުވާފައެވެ. ސަލާމަތީ މަޖިލީހަކީ އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށުގައިވާ މަޖިލީހެއް ކަމުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުގެ ޤަރާރެއް އެމެރިކާގެ ނުފޫޒުގައި ސަލާމަތީ މަޖިލީހުން ފާސްކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މުރާސިލުން ބުނެއެވެ.

ނަމަވެސް އިސްވެ ޙަމަލާދިނުންފަދަ ހަރުކަށި އަމަލެއް އިރާނާ ދެކޮޅަށް ހިންގަން އެމެރިކާއަށް ނުކެރޭނެ ކަމަށާ އެމެރިކާގެ ޙާލަތު މިހާރުއޮތީ އީރާނާ ކުރިމަތިލުމަކަށްދާން ކެރޭފަދަ ފައްތަރެއްގައި ނޫންކަމަށްވެސް އެފަރާތްތަކުން ދެކެއެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)