މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޮނަދޫ ދާއިރާ އާއި ބާރަށު ދާއިރާގެ ބާތިލް ވޯޓު ހުރި ހުރިހާ ފޮށިތަކެއް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އެ ދެ ދާއިރާގެ ބާތިލް ވޯޓު ހިމެނޭ ފޮށިތައް އަލުން ގުނަން ނިންމީ ކޮންގްރެސް ޕާޓީ އާއި ޕީޕީއެމް އިން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކަމަށެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ފޮނަދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ސިރާޖެވެ. އޭނާއަށް 1007 ވޯޓު ލިބިވަޑައިގަތެވެ. ދެވަނައަށް ދިޔަ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އަބްދުއްރަހީމް އަބްދުﷲ އަށް ލިބިވަޑައިގަތީ 963 ވޯޓެވެ. ދެބޭފުޅުންގެ ވޯޓުގެ ފަރަގަކީ 44 އެވެ.

ބާރަށު ދާއިރާގެ ކޮނޑި ކާމިޔާބު ކުރެއްވި ކަމަށް ވަގުތީ ނަތީޖާ އިން ދައްކާ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު އަބްދުﷲ އަށް ލިބިވަޑައިގަތީ 1524 ވޯޓެވެ. ދެވަނަ އަށް ދިޔަ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އިބްރާހިމް ޝުޖާއުއަށް ލިބިވަޑައިގަތީ 1482 ވޯޓެވެ. އެ ދެ ބޭފުޅުންގެ ވޯޓުގެ ފަރަކީ 42 އެވެ.

އެނގިފައިވާގޮތުގައި އެ ވޯޓުފޮށިތައް މިރޭގެ ވަގުތެއްގައި ގުނާނެއެވެ.