10 Apr 2019, 21:25
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުފައްދާ ކަރަންޓްގެ 70 ޕަސެންޓް އިރުގެ އަލިން އުފެއްދުންކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަލް ސޯލާ އެލައެންސްގެ މެމްބަރަކަށް ރާއްޖެ ވުމަށް ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ހުސައިން ވިދާޅުވީ ރާއްޖެއަކީ ކަރަންޓް އުފެއްދުމަށްޓަކައި މުޅިންހެން ބޭރުން ޑީސަލަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާއި އަދި ރާއްޖޭގެ ޖީޑީޕީގެ 10 ނޫނީ 15 ޕަސެންޓް ހޭދަކުރަނީ ޑިސަލް ގަންނަން ކަމަށެވެ.
އަދި އެހާބޮޑަށް ތެލަށް ބަރޯސާވެފައިވާ ގައުމަކަށް ވާތީ ތެލަށް ބަރޯސާބުން ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިކަމަކީ ސަރުކާރުން ވަރަށް އިސްކަންދޭކަމެއް. ސަބަބަކީ ހަކަތައަކީ އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އެންމެ ބޮޑަށް ބަރޯސާވާކަންތައް އިންޑަސްޓްރީތައް އެންމެ ބޮޑަށް ބަރޯސާވާ ކަންތައް. އަޅުގަނޑުމެންގެ އިންޑަސްޓްރީތަކާއި ގެދޮރާއި ދިރިއުޅުމުގެ އެންމެހާކަމެއް ބިނާވެފައި މި އޮންނަނީ ހަަކަތައިގެ މައްޗަށް. ހަކަތައި ޔަގީންކަން އެކަންޏެއް ނޫން. ހަކަތައިގެ އަގުވެސް އެއީ ވަރަށް މުހިންމު އެއްޗެއް." މިނިސްޓަރު ވިދާޅުވިއެވެ.
އާ ސަރުކާރުން ކަރަންޓްގެ އަގަށް ގެނައި ހެޔޮ ބަދަލު ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮ ކުރުމަށް އެންމެ މުހިންމު ވަސީލަތަކީ އިރުގެ އަލިން ކަރަންޓް އުފެއްދުން ކަމަށެވެ. އަދި އިރުގެ އަލި ރާއްޖެއަށް ދުވާލަކު 12 ގަޑިއިރު ލިބޭ ކަމަށާއި އެހެން ނަމަވެސް ކަރަންޓް އުފެއްދުމަށް ޖީޑީޕީގެ ނިސްބަތުން އެހާ ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންކަމުން ސޯލާ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ސަރުކާރުން މިދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުން. ރާއްޖޭގައި މިހާރު އުފައްދާ ކަރަންޓަށް ބާލައިރުގައި ހަމައެކަނި ހައެއް އިންސައްތައިން ސޯލާ ކަރަންޓް އުފައްދަނީ. އަނެއް 94 ޕަސެންޓް އުފައްދަނި ޑީސަލް އަންދައިގެން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން އަމާޒު ކަނޑައަޅާފައި އޮތީ ކަރަންޓް ޕީކް ލޯޑްގެ 30 ޕަސެންޓް އިރުގެ އަލީގެ ހަކަތައިން އުފައްދަން ކަމަށާއި އެހެން ނަަމެވެސް އާ ސަރުކާރުގެ އަމާޒަކީ ކަރަންޓް ޕީކްގެ ލޯޑްގެ 70 ޕަސެންޓް ކަރަންޓްއިން އުފެއްދުން ކަމަށެވެ.