މޯލްޑިވްސް ބްރޯޑްކާސްޓިންގ (ބްރޯޑްކޮމް) އަށް ދިމާވެފައިވާ އެކި ގޮންޖެހުންތައް އެ ކޮމިޝަންގެ މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ހިއްސާކޮށްފިއެވެ.

އެ ކޮމިޝަނުގެ މެންބަރުން މިއަދު ހެނދުނު ވަނީ ރައީސް އޮފީހުގައި ރައީސް ސޯލިހްއާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ބްރޯޑްކޮމްގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތާއި މެމްބަރު ޒީނާ ޒާހިރާއި މެމްބަރު ފާތިމަތު ޒައިނާ އާއި މެމްބަރު އަމްޖަދު ވަހީދު އަދި ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު ވެސް ބައިވެރިވެވަޑައިގަތެވެ.

އެ ބައްދަލުކުރެއްވުމުގައި، އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތުގެ އިތުރުން، ބްރޯޑްކާސްޓް ދާއިރާގެ ތަރައްގީއަށް ކުރެވިދާނޭ މަސައްކަތްތަކާއި ކޮމިޝަނުގެ މަސައްކަތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރި ކަމަށް ބްރޯޑްކޮމްއިން ބުންޏެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ބްރޯޑްކާސްޓިންގެ ދާއިރާގެ ކުރިއެރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ދާއިރާގައި ތަމްރީނުކުރެވިފައިވާ ފަރާތްތައް މަދުވުން ކަމަށެވެ.

އެހެންކަމުން އެ ކަމަށް ބޭނުންވާ އެހީއާއި ވަސީލަތްތައް ރާއްޖެއިން ބޭރުން ހޯދުމަށް މަސައްކަތްޕުޅު ކޮށްދެއްވުމަށް ޝަހީބް ވަނީ އެދިވަޑައިގެންނެވިއެވެ.

އަދި އޭގެ އިތުރުން ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ހޯދުމުގައި ދިމާވެފައިވާ ބަޖެޓުގެ ދަތިކަން ހައްލުކޮށް ދެއްވުމަށާއި އެކި މުއައްސަސާތަކާ ގުޅިގެން ރެގިއުލޭޓަރީ މަސައްކަތް ހަރުދަނާކުރުމަށް ބޭނުންވާ އެހީތެރިކަމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މިއަދުގެ ބައްދަލުވުމުގައި، އެ ކޮމިޝަނުގެ ފަރާތުން ހިއްސާކުރި ކަންބޮޑުވުންތަކަށް ގެނެސްދެއްވެން އޮތް ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިކަމަށް ބްރޯޑްކޮމްއިން ބުންޏެވެ.