18 Oct 2011, 13:30
ބައިނަލްއަގުވާމީ ކުރެހުމުގެ ތިން މުބަރާތަކުން ރާއްޖޭގެ ދަރިވަރުން ރަން ވަނަތަކެއް ހޯދައިފި އެވެ. ރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒުން އިއްޔެ ބުނި ގޮތުގައި ވަނަ ހޯދި ކުދިންނަށް އެވޯޑް އަދި އިނާމު ހަވާލުކުރުން އިއްޔެ އެ މަރުކަޒުގެ ސެމިނާ ރޫމްގައި ވަނީ ބާއްވައިފަ އެވެ.
ރާއްޖޭގެ ދަރިވަރުން ވަނަތައް ހާސިލް ކުރި އެއް މުބާރާތަކީ ޖަޕާންގެ މިޓްސުބިޝީ ޕަބްލިކް އެފެއާޒް ކޮމިޓީ އާއި އޭޝިޔާ ޕެސިފިކް ފެޑެރޭޝަން އޮފް ޔުނެސްކޯ ކްލަބާއި އޭސޯސިއޭޝަން އެންޑް ނެޝަނަލް ފެޑެރޭޝަން އޮފް ޔުނެސްކޯ އެސޯސިއޭޝަންސް އިން ޖަޕާން ގުޅިގެން ބޭއްވި "ފެސްޓިވަލް އޮފް އޭޝިއަން ޗިލްޑްރަންސް އާޓް" ]އެނިކް ފެސްޓާ 2010 -2011[ އެވެ. ދުނިޔޭގެ 24 ގައުމަކުން ބައިވެރިވި އެ މުބާރާތުގައި ރާއްޖޭގެ ހަތް ސްކޫލަކުން 109 ދަރިވަރުން ބައިވެރި އިރު އޭގެ ތެރެއިން އަށް ދަރިވަރަކު ވަނީ ތަފާތު އެވޯޑްތައް ހާސިލްކޮށްފަ އެވެ.
އެ މުބާރާތުގެ ނަން 2007 ވަނަ އަހަރު ވަނީ އެނިކީ ފެސްޓާގެ ނަމަށް ބަދަލުކޮށްފަ އެވެ.
އެ އަށް ކުދިންގެ ތެރެއިން ކަލާފާނު ސްކޫލުގެ ދަރިވަރު އައިޝަތު ދުންޔާ މުހައްމަދު ޝިފާހު ގްރޭންޑް ޕްރިކްސް ހޯދާފައިވާ އިރު ހަމަ އެ ސްކޫލްގެ ދަރިވަރު މިންހަތު މުހައްމަދު ވަނީ މިޓްސްޝްބިޝީ ޕަބްލިކް އެފެއާޒް ކޮމިޓީ އެވޯޑް ހާސިލްކޮށްފަ އެވެ. އަދި ހަމަ އެސްކޫލްގެ ދަރިވަރު އަހުމަދު އަޔާޒް ވަނީ ނެޝަނަލް ފެޑެރޭޝަން އޮފް ޔުނެސްކޯ އެސޯސިއޭޝަންސް އިން ޖަޕާން އެވޯޑް ހާސިލްކޮށްފަ އެވެ. އަދި ތ. އަތޮޅު މަދަރުސާގެ މުހައްމަދު ނިސާހު އަހުމަދު ނާސިހު "އޭޝިއާ ޕެސިފިކް ފެޑެރޭޝަން އޮފް ޔުނެސްކޯ ކްލަބްސް އެންޑްސް އެސޯސިއޭޝަންސް އެވޯޑް" ހޯދި އިރު ވިލިނގިލީ މުހުޔިއްދީން ސްކޫލްގެ ފާތިމަތު ނުޝޫ ހުސައިން އާއި ކަލާފާނު ސްކޫލެ އާމިނަތު ހަނާން މުއީދު އާއި ހަމަ އެ ސްކޫލްގެ ފާތިމަތު ޝާއާ ޝަކީލް އާއި އެ ސްކޫލްގެ އާމިނަތު ރަހޫ އަހުމަދު ވަނީ އެކްސެލެންސް އެވޯޑް ހާސިލްކޮށްފަ އެވެ.
ރާއްޖޭގެ ދަރިވަރުން އެވޯޑް ހާސިލް ކުރި އަނެއް މުބާރާތަކީ 1979 ވަނަ އަހަރުން ފެށިގެން ޖަޕާނުގައި ބާއްވަމުން އަންނަ މުބާރާތެއް ކަމަށްވާ ކަނަގާވާ ބައިނައަލް ޗިލްޑްރަންސް އާޓް އެގްޒިބިޝަން އެވެ. އެ މުބާރާތުގައި ދުނިޔޭގެ 137 ގައުމަކުން ބައިވެރިވި އިރު ރާއްޖޭގެ ތިން ސްކޫލަކުން 86 ދަރިވަރުން ބައިވެރިވި އެވެ. އަދި އެ މުބާރާތުން ރާއްޖޭގެ ދެ ދަރިވަރަކު ވަނީ އެވޯޑް ހާސިލްކޮށްފަ އެވެ. އެއީ އިސްކަންދަރު ސްކޫލްގެ އީޝާ ހަސަން ނައީމާއި އެ ސްކޫލްގެ އައިޝަތު ނިޝާދާ ޖިނާނު އެވެ.
ހިލޭސާބަހަށް މަސައްކަތް ކުރާ ރާއްޖޭގެ ޖަމާއަތެއް ކަމަށްވާ ވޯޓާ ކެއާ މޯލްޑިވްސްއާއި އެމެރިކާގެ އެފަދަ ޖަމާއަތެއް ކަމަށްވާ ނޭޗާސް ވޮއިސް އަވާ ޗޮއިސް ގުޅިގެން ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުރެހުމުގެ މުބާރާތުގައި ދުނިޔޭގެ 26 ގައުމަކުން ބައިވެރިވި އެވެ. އަދި އެ މުބާރާތުގައި ރާއްޖޭގެ ހަތް ސްކޫލަކުން 82 ދަރިވަރުން ބައިވެރިވި އިރު އެ ބާރާތުގެ އެންމެ ރަނގަޅު ހަތަރު ކުރެހުމުގެ ތެރޭގައި ހިރިޔާ ސްކޫލްގެ މަރިޔަމް ޝަފާ ކުރެހި ކުރެހުން ހިމެނިފައިވެ އެވެ.
ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވާ ދިވެހި ދަރިވަރުން އަބަދު ވެސް ރަން ވަނަތަކެއް ހާސިލްކުރަމުންދާކަން ފާހަގަކުރެވެ އެވެ. އެގޮތުން މިސްރުގައި ބޭއްވި ގުރުއާން ކިޔެވުމުބެ މުބާރާތަކުން މިދިޔަ އަހަރު ދިވެހި ދަރިވަރަކު ދެ ވަނަ ހޯދާފައިވެ އެވެ.