ޓިރާނާ (އޭޕްރިލް 10): އަލްބޭނިއާގެ ވެރިރަށް ޓިރާނާގެ އެއާޕޯޓެއްގައި އޮތް މަތިންދާބޯޓަކުން އިއްޔެ 11 މިލިއަން ޑޮލަރު ވަގަށް ނެގި ބަޔަކު އެގައުމުގެ ފުލުހުން ހޯދަން ފަށައިފި އެވެ.

އަލްބޭނިއާގެ މީޑިއާތަކުން ދެއްކި ސީސީޓީވީ ފުޓެޖުން ފެންނަ ގޮތުގައި މަދާ ޓެރީސާ އެއާޕޯޓުގައި އޮތް އޮސްޓްރިއަން އެއާލައިންސްގެ ބޯޓަކުން އެފައިސާ ވަގަށް ނެގީ ހުދު ކުލައިގެ ވޭނެއްގައި ތިބި މީހުންނެވެ. އެވޭން އެއާޕޯޓުގެ ރަންވޭ މައްޗަށް އެރީ ކުއްލި ހާލަތްތަކުގައި ބޭނުން ކުރަން ހަދާފައިވާ ދޮރަކުންނެވެ.

އެބޯޓަކީ އަލްބޭނިއާގައި ހުންނަ ބޭރު ގައުމުތަކުގެ ބޭންކުތަކުން، އޮސްޓްރިއާއަށް ފައިސާ ގެންދަން ހަމަޖައްސާފައި އޮތް ބޯޓެކެވެ.

އަލްބޭނިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އެވައްކަން ކުރީ މޫނު ފޮރުވައިގެން، ބަޑި ހިފައިގެން ތިބި ތިން މީހުންނެވެ. އަދި އެމީހުން ވަނީ ގާޑުންނަށް ބިރު ދެއްކުމަށް ފަހު، ބޯޓުގެ ކާގޯ ހުންނަ ތަން ހުޅުވައި، ފައިސާ ވޭނަށް ލާފަ އެވެ.

އެއަށް ފަހު އެމީހުންނަށް އެއާޕޯޓުން ދުރަށް ނުދެވެނީސް ފުލުހުން އެމީހުން ހުއްޓުވި ކަމަށާއި، ދެ ފަރާތުގެ މެދުގައި ހަމަލާ ބަދަލު ކުރި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެހާދިސާގައި ވައްކަމުގައި ބައިވެރިވި އެކަކު މަރުވި އެވެ. ނަމަވެސް ބާކީ ދެ މީހުން ވަނީ ފިލާފަ އެވެ.

އަލްބޭނިއާގެ ފުލުހުން ބުނި ގޮތުގައި އެމީހުން ބޭނުން ކުރި ވޭން މިހާރު ވަނީ ފެނިފަ އެވެ. އަދި އެހާދިސާއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށް 40 މީހުންނާ ވަނީ ސުވާލުކޮށްފަ އެވެ. ނަމަވެސް ވަގަށް ނެގި ފައިސާއަށްވީ ގޮތެއް ފުލުހުން އަދި ހާމަ ނުކުރެ އެވެ.