10 Apr 2019, 16:52
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޓަނޭޝަނަލް ޑިޕާޗަރ ޓާމިނަލްގައި އިތުރު 14 ޗެކްއިން ކައުންޓަރު ހުޅުވައިފިއެވެ.
އެއާޕޯޓްގެ ޓާމިނަލްގައި ކުރިން ހުންނަނީ 28 ޗެކްއިން ކައުންޓަރެވެ. އަލަށް ހުޅުވި ކައުންޓަރުތަކާއެކު ޖުމްލަ މިހާރު 42 ޗެކްއިން ކައުންޓަރުން ހިދުމަތް ލިބިގެން ދާނެއެވެ.
މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި އެ ކައުންޓަރުތައް ހުޅުވައްވައިދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.
އެމްއޭސީއެލްއިން ބުނީ މިއަދު ހުޅުވި އާ ކައުންޓަރުތަކާއެކު އެންމެ ބާރު ބޮޑުވާ ގަޑީގައި އިތުރު 400 ފަސިންޖަރުންނާ އެކު، ޖުމްލަ 1،900 މީހުންނަށް ހިދުމަތްދެވޭނެ ކަމަށެވެ.

ވެލާނާ އެއާޕޯޓްގެ ޓާމިނަލްގައި ހުޅުވި އާ 14 ކައުންޓަރުގެ ތެރެއިން ކައުންޓަރެއް -- ސަން ފޮޓޯ/ އަހުމަދު އަވުޝަން އިލްޔާސް
އެމްއޭސީއެލްއިން އިތުރަށް ބުނީ އަލަށް ހުޅުވި ކައުންޓަރުތައް ބޭނުންކުރާނީ ބޮޑަށް ކުދި ބޯޓުތަކަށް ކަމަށާއި އަދި ކުރިން ގާއިމުކޮށްފައިވާ ކައުންޓަރުތައް ބޭނުންކުރާނީ ބޮޑެތި ބޯޓުތަކަށް ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ، ރާއްޖެ އަންނަ ފަތުުރުވެރިންގެ އަދަދު ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ހަތް ޕަސެންޓް އިތުރުވާނެކަމަށް ބެލެވޭ ކަމަށާއި އަދި ހިދުމަތް ދިނުމުގެ ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށެވެ.