ލ. ކައްދޫއިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނީ ކަމަށް ބުނާ، 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުގެ 16 އަހަރުގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް ހިފެހެއްޓި ތިން މީހުން ދޫކޮށްލައިފިއެވެ.

ސިކްސް ސެންސަސް ލާމު ރިސޯޓު ކައިރިން ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް އެ ތިން މީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ މަހުގެ 11 ވަނަ ދުވަހުގައެވެ. އޭގެ ފަހުން ކޯޓުން ވަނީ ދެ ފަހަރަކު އެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.

މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ގަމު ކޯޓަށް ގެންދިޔުމުން ޝަރުތުތަކަކާ އެކު އެ ތިން މީހުންވެސް ދޫކޮށްލާފައިވާ ކަމަށެެވެ.

އެ ތިން މީހުންގެ ތެރޭގައި ޝިމާ ގެއްލުނު ދުވަހު އޭނާއާ އެކު ދަތުރު ކުރި ފަޒީލްވެސް ހިމެނެއެވެ.

ޝިމާ ގެއްލުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. މިއަދާ ހަމައަށްވެސް އޭނާގެ ހިލަމެއް ނުވެއެވެ. އަދި އޭނާ ދަތުރުކުރި ޑިންގީވެސް ފެނިފައެއް ނުވެއެވެ. ޑިންގީ ދުއްވަން އިން ފަޒީލްގެ މައްޗަށް އާއިލާއިން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.