މަޑުއްވަރީ ދާއިރާގެ ތިން ވޯޓު ފޮއްޓެއް ގުނުމުން ޕީޕަލްސް ނޭޝަލް ކޮންގްރެސް (ޕީއެންސީ) ޓިކެޓްގައި އެ ދާއިރާ އަށް ވާދަ ކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް އަށް ވޯޓު އިތުރު ވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުން އެ ކޮޮމިޝަނުން މިއަދު ވަނީ މަޑުއްވަރީ ދާއިރާގެ ހަތަރު ވޯޓު ފޮއްޓެއް ގުނާފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ ނައިބު ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ، އާދަމް ޝަރީފް އެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ 17 ވޯޓުގެ ތަފާތުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އަލުން ގުންނާފައިވަނީ، ރ. މައްޑުއްވަރީ ގައި ބެހެއްޓި ދެ ވޯޓު ފޮއްޓަކާއި ރ. މީދޫގައި ބެހެއްޓި ދެ ވޯޓު ފޮއްޓެކެވެ.

އަލުން ގުނުމުން ވޯޓުގެ ނަތީޖާއަށް ބަދަލު އައިސްފައިވަނީ މަޑުއްވަރީގައި ބެހެއްޓި ދެ ނަންބަރު ވޯޓު ފޮއްޓަށާއި މީދޫގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮއްޓަށެވެ.

މަޑުއްވަރީގެ ދެ ނަންބަރު ވޯޓު ފޮށިން އާދަމް ޝަރީފަށް އަށް ވޯޓު އިތުރުވި އިރު، އަމިއްލަ ގޮތުން ވާދަ ކުރެއްވި ހުސައިން ޝިހާމަށް ފަސް ވޯޓު އިތުުރުވިއެވެ.

މީދޫ ގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށިން އާދަމް ޝަރީފަށް އެއް ވޯޓު އިތުރުވި އިރު، ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރެއްވި، އެދާއިރާގެ މީހާރުގެވެސް މެމްބަރު މުހައްމަދު އަމިތް އަހްމަދައަށް ވެސް އެއް ވޯޓު އިތުރު ވިއެވެ.

މަޑުއްވަރީ ދާއިރާގެ މިހާރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 26 ވޯޓުގެ ފަރަގަކާއެކު އެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އާދަމް ޝަރީފެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އާދަމް ޝަރީފަށް 877 ވޯޓު ލިބުނު އިރު، އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ޝިހާމަށް ލިބިފައިވަނީ، 851 ވޯޓެވެ. އަމިތަށް 489 ވޯޓު ލިބުނު އިރު، ހުސައިން ޝިހާމް އަށް ލިބިފައިވަނީ، 352 ވޯޓެވެ. އެމްޓީޑީން އެ ދާއިރާއަށް ނުކުންނެވި ވެލިދޫ ދާއިރާގެ މެމްމަބރު އަބްދުﷲ ޔާމިން ރަޝީދަށް ލިބުނީ 115 ވޯޓެވެ. އެ ދާއިރާގެ ބާތިލު ވޯޓުގެ އަދަދަކީ 50 އެވެ.