މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ 74 ވޯޓު ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މި 74 ފޮށި ގުނުމަށް ކޮމިޝަނުން ނިންމީ ހުށަހަޅާފައިވާ ޝަކުވާތަކަކާ ގުޅިގެންނެވެ.

ހަތްދިހަ ހަތަރު ފޮށީގެ ތެރޭގައި ހިމެނެނީ މާވަށު ދާއިރާގެ ވޯޓު ލާފައިވާ 69 ފޮއްޓާއި، މަޑުއްވަރި ދާއިރާގެ ހަތަރު ފޮއްޓާއި މާމިގިލި ދާއިރާގެ އެއް ފޮއްޓެވެ.

ރޭ ވެސް ވަނީ މާވަށާއި މާމިގިލި ދާއިރާގެ ވޯޓު ފޮށިތަކެއް ގުނާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ލ. ކުނަހަންދޫ، ނ. ކެނދިކުޅުދޫ އަދި މާލެއާއި ހުޅުމާލޭގައި ހުރި ފޮއްޓަށް ލާފައިވާ މާވަށު ދާއިރާގެ ވޯޓު ކަރުދާސްތަކާއި، އދ. މާމިގިލީގައި ބެހެއްޓި ތިން ފޮއްޓަށް ލާފައިވާ މާމިގިލި ދާއިރާގެ ވޯޓު ކަރުދާސްތަކެވެ.

މާވަށު ދާއިރާގެ ވޯޓު ކަރުދާސްތައް ގުނުމާއެކު ފަސް ވޯޓުގެ ފަރަގަކުން ކުރި ހޯއްދެވީ ކުރިން ހަ ވޯޓުގެ ތަފާތުން ކުރީގައި ހުންނެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓު މުހައްމަދު ސައީދެވެ. އެއީ 853 ވޯޓާއެކުއެވެ. އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ އިބްރާހިމް ފަލާހަށް އެއް ވޯޓު އިތުރުވެ، ޖުމްލަ ލިބުނީ 848 ވޯޓެވެ. ތިންވަނައަށް ދިޔަ މިހާރުގެވެސް އެ ދާއިރާގެ މެމްބަރު، ޖުމްހޫރީ ޕާޓީގެ އަހްމަދު އަޒްހާން ފަހުމީއަށްވެސް އެއް ވޯޓު އިތުރުވެ، ލިބުނީ 651 ވޯޓެވެ.

މާމިގިލީގެ ފޮށިތައް ރޭ ގުނި އިރު އެ ދާއިރާއަށް ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް 64 ވޯޓު އިތުރުވިއެވެ. އަދި ގާސިމްއާ ދެކޮޅަށް އެމްޑީޕީން ނުކުންނެވި އަލީ އަމީޒަށް 45 ވޯޓު އިތުރުވިއެވެ. މިހާރުގެ ނަތީޖާ ދައްކާ ގޮތުން ގާސިމާއި އަމީޒަށް ލިބުނު ވޯޓުގެ ފަރަގަކީ 99 ވޯޓެވެ.

މީގެ އިތުރުން މިއަދު ގުނަން ނިންމީ މަޑުއްވަރި ދާއިރާގެ ހަތަރު ފޮއްޓެކެވެ. ހޮނިހިރު ދުވަހުގެ އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ އާދަމް ޝިހާމާ ދެމެދު ވޯޓުގެ ފަރަގަކީ 17 ވޯޓެވެ. މަޑުއްވަރީ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އާދަމް ޝަރީފަށް ލިބެނީ 868 ވޯޓެވެ. އަދި ޝިހާމަށް 851 ވޯޓެވެ. އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު އަމީތަށް ލިބުނީ 488 ވޯޓެވެ. އަދި އަމިއްލަ ކެންޑިޑޭޓު ހުސައިން ޝިހާމަށް 347 ވޯޓު ލިބުނު އިރު، އެމްޓީޑީން އެ ދާއިރާއަށް ނުކުންނެވި ވެލިދޫ ދާއިރާގެ މެމްމަބރު އަބްދުﷲ ޔާމިން ރަޝީދަށް ލިބުނީ 115 ވޯޓެވެ. އެ ދާއިރާގެ ބާތިލު ވޯޓުގެ އަދަދަކީ 65 އެވެ.