10 Apr 2019, 11:45
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ވަރުގަދަ މެންޗެސްޓާ ސިޓީ ބަލިކޮށް ޓޮޓެންހަމް އިން ސެމީ ފައިނަލުގެ އުންމީދު ބޮޑު ކޮށްފިއެވެ.
ޓޮޓެންހަމްގެ އާ ސްޓޭޑިއަމުގައި ކުޅުނު ދެވަނަ މެޗުން ރޭ އެ ޓީމު ސިޓީގެ މައްޗަށް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. ނަމަވެސް އެއް ގޯލުގެ ތަފާތުން ސިޓީގެ އަމިއްލަ ދަނޑަށް ދިއުމުން ސެމީގެ ޖާގައެއް ހޯދުމަށް ޓޮޓެންހަމްއަށް އުނދަގޫވާނެ އެވެ. ސަބަބަކީ ފުރަތަމަ މެޗުގައި ބަލިވުމުން ސިޓީއިން ދެން އަންނަ މެޗަށް ނުކުންނާނީ ބަދަލު ހިފުމުގެ ރޫހަކާ އެކު ކަމަށް ވާތީއެވެ.

ޓޮޓެންހަމްއާއި މެންޗެސްޓާ ސިޓީ ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-1 އިން ކާމިޔާބު ކުރީ ޓޮޓެންހަމް--- ފޮޓޯ / ޑޮމް ފެރަލް
ރޭގެ މެޗުގައި ސިޓީގެ މުހިއްމު ބައެއް ކުޅުންތެރިން ފުރަތަމަ އެގާރައިގައި ހިމެނިފައެއް ނުވެއެވެ. އެގޮތުން އެ ޓީމުގެ ހުނަުވެރި މިޑްފީލްޑަރު ކެވިން ޑިބްރޭނާއާއި ލެރޮއީ ސާނޭގެ އިތުރުން ގެބްރިއަލް ޖީސުސް ވެސް ރޭގެ މެޗުގައި ކުޅެން އަރާފައިވަނީ ދެވަނަ ހާފުގައެވެ.
ދެ ޓީމުގެ ފަރާތުން ވެސް ޖުމްލަ ގޮތެއްގައި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ތަފާތަކަށް ވެގެން ދިޔައީ މެޗު ނިމެން 12 މިނަޓަށް ވެފައި ވަނިކޮށް ޓޮޓެންހަމްގެ ސްޓަރައިކަރު ސޮން ހެންގް މިން ޖެހި ގޯލުންނެވެ. ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް މެޗުގައި ލިބުނު އިރު އެންމެ ފާހަގަ ކޮށްލެވެނީ ސިޓީއަށް މެޗުގެ ކުރީ ކޮޅު ލިބުނު ޕެނަލްޓީއެވެ.
ރަހީމް ސްޓާލިން ޓޮޓެންހަމްގެ ގޯލަށް ފޮނުވާލި ހަމަލާއެއް އެ ޓީމުގެ ކުޅުންތެރިޔަކު އަތުގައި ޖެހުނީކަމަށް ނިންމާ ރެފްރީ ވަނީ މެޗުގެ ކުރީ ކޮޅު ސިޓީއަށް ޕެނަލްޓީއެއް ދީފަ އެވެ. ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ފޮނުވާލި އެ ޕެނަލްޓީ ވަނީ ޓޮޓެންހަމްގެ ކީޕަރު ހިއުގޯ ލޮރިސް ދިފާއު ކޮށްފައެވެ.
ޓޮޓެންހަމް ރޭގެ މެޗުން މޮޅުވި ނަމަވެސް އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ހެރީ ކޭން އަށް ރޭގެ މެޗުގައި ވަނީ އަނިޔާވެގެން ބަދަލު ކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން މި ސީޒަނުގައި ކުރިއަށް އޮތް ބައިގައި އޭނައަށް ނުކުޅެވޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.