ގެއްލިފައިވާ މީހުންނާއި މަރުތައް ބަލާ ކޮމިޝަނަށް ޒާހިދު ރަމީޒު ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.

އެ ކޮމިޝަނުން ބުނީ ޒާހިދު ހާޒިރުކޮށް ބަޔާން ނެގީ، 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު ޒާހިދު ކުރި ޓްވީޓުތަކަކާ ގުޅޭ ގޮތުން ކަމަށެވެ.

އެގޮތުން 2011 އަދި 2012 ވަނަ އަހަރު ގެ ތެރޭގައި ޒާހިދު ރަމީޒް، ޔާމީން ރަޝީދާ ގުޅޭގޮތުން ކުރި ޓްވީޓުތަކަކާ ގުޅޭގޮތުން އޭނާ ކޮމިޝަނަށް ބަޔާން ދީފައިވާކަމަށް މަރު ކޮމިޝަނުން ކުރި ޓްވީޓުގައި ބުންޏެވެ.

މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅޭގޮތުން މީގެ ކުރިންވެސް އެކި ފަރާތްތަކުން ހާޒިރުކޮށް ވަނީ ބަޔާން ނަގައިފައެވެ.

ބްލޮގަރު ޔާމީން ރަޝީދުގެ މަރަކީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައެކެވެ. ޔާމީން މަރާލާފައި އޮއްވާ ފެނުނީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރިއުޅުނު ގޭ ތެރެއިންނެވެ. ޔާމީންގެ މަރުގެ މައްސަލާގައި ދައުލަތުން ވަނީ ހަ މީހަކަށް ދައުވާ ކޮށްފައެވެ.