ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާ ގައި ތިބޭ ކުދިންނަށް ގުރުއާން ކްލާސްތައް ކުރިއަށް ގެންގޮސް، އެކުދިންގެ ދީނީ ހޭލުންތެރިކަން އިތުުރު ކުރުމަށ،ް ޖެންޑާ މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. އަހުމަދު ޒާހިރެވެ. ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޝިދާތާ ޝަރީފްއެވެ.

މި އެއްބަސްވުމުގެ ދަށުން ޖުމްލަ 143 ކުދިންނަށް ގުރުއާން ކިޔަވައިދީ، އެކުދިންގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ.

ކުދިންގެ ހިތްތަކުގައި ގުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ކުރާ މަސައްކަތް ފާހަގަކުރައްވާ މިނިސްޓަރު ޝިދާތާ ވަނީ ދައުލަތުގެ ބެލުމުގެ ދަށުގއި ތިބޭ ކުދިންނަށް އަމާޒުކޮށްގެން އެފަދަ ހަރަކާތެއް ހިންގުމަށް އިސްލާމިކް އެފެއާޒުން ނިންމީތީ އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން މިހާރުވެސް މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ދީނީ ހޭލުންތެރިކަން އިތުރުކޮށް، ގުރުއާނުގެ އިލްމު ފެތުރުމަށް އެ މިނިސްޓްރީ އިން އިސްނަގައިގެން މަސައްކަތް ކުރާނެ ކަމަށެވެ.