ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސާވިސަސް (ޑީޕީއާރްއެސް)ގެ ފަސް މުވައްޒަފަކު އަމިއްލަ ހައިސިއްޔަތުން ކަމަށްބުނެ ނޫސްކޮންފަރެންސް ބާއްވައި އެ ޑިޕާޓުމަންޓްގެ މައުލޫމާތު އާންމުކުރި މައްސަލަ ބަލައި ނިމެންދެން އެ މުވައްޒަފުން ވަގުތީގޮތުން ސަސްޕެންޑް ކޮށްފައިވާކަމަށް ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފިއެވެ.

ސީއެސްސީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ މިއަދުންފެށިގެން އެ މައްސަލަ ތަހުގީގުކޮށްނިމެންދެން އެ ފަސް ބޭފުޅުން ސަސްޕެންޑް ކޮށްފައިވާކަމަށް ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މަރިޔަމް ވަހީދާއަށް މިއަދު އަންގާފައިވާކަމަށެވެ.
"އެ މައްސަލަ ތަހުގީކޮށް ނިމެންދެން އެ ބޭފުޅުން ވަގުތީގޮތުން ސަސްޕެންޑް ކުރެވިފައިވާކަމަށް ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަށް ސީއެސްސީން މިއަދު ވަނީ އަންގަވާފަ،" ފަހުމީ ވިދާޅުވިއެވެ.

އަމިއްލަ ހައިސިއްޔަތުން ކަމަށްބުނެ ޓްރޭޑާސް ހޮޓެލްގައި ބޭއްވި ނޫސްކޮންފަރެންސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވި ފަސް ބޭފުޅުންނަކީ އެ ޑިޕާޓުމަންޓްގެ ޑިރެކްޓަރު ސައުދު އަބްދުލް ކަރީމް އާއި ޑެޕިއުޓީ ޑިރެކްޓަރު ހަސަން ވަހީދާއި، އެސިސްޓެންޑް ސްޕްރިޑެންޓެންޓް މުހައްމަދު އާސިފާއި، އައްސޭރި ޖަލުގެ ސީނިއާ ޕްރިޒަން އޮފިސަރު މުހައްމަދު ތޮލާލު އަދި މާފުށީ ޖަލުގެ ސީނިއަ ޕްރިޒަން އޮފިސަރު އިބްރާހިމް ނާޝިދެވެ.

ސީއެސްސީން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ސިވިލްސާވިސްގެ ގަވާއިދުގެ 10 ވަނަ މާއްދަގެ (ހ) ގައި ވާގޮތުން އެއްވެސް މުވައްޒަފަކު ގާނޫނާއި ގަވާއިދާއި ކޯޑްއޮފް ކޮންޑަކްޓާ ހިލާފްކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ އެކަމުގެ މަޢުލުމާތު އެއޮފީހުގެ ޕާމަނަންޓު ސެކްރެޓަރީ އަށް ނުވަތަ ޒިންމާދާރު އިސްވެރިޔާ އަށް ހުށައަޅައި އެކަމެއް ބެލުމުގެ ފުރުސަތު އެފަރާތަށް ދެވިފައިވާ ކަމަށެވެ.

"މުވައްޒަފަކާ މެދު ކޮމިޝަނުން ނުވަތަ އެ މީހަކު ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ އެއޮފީހެއްގެ ޒިންމާދާރު އިސްވެރިޔާ ސިވިލް ސާވިސްގެ ގާނުނާއި ގަވާއިދާ ހިލާފަށް ބޭއިންސާފުން ކަމެއް ކޮށްދޭ ނަމަ އެކަން އިލްތިމާސް ކުރުމުގެ ފުރުސަތު ލިބިގެންވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ." އެ ނޫސްބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ ކޮމިޝަނުގެ މުވައްޒަފުންގެ ރަސްމީގަޑީގައި އަމިއްލަ ކަމެއްކުރުން ނުވަތަ އެއްވެސް ސިޔާސީ ފަރާތެއްގެ މަސްލަހަތު ކުރިއެރުވުމަށްޓަކައި އެމުވައްޒަފެއްގެ މަގާމު ބޭނުން ހިފައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް ޑީޕީއާރުއެސްގެ މުވައްޒަފުން އެގޮތަށް އެކަން ކޮށްފައިވާތީ ސިވިލް ސާވިސްކޮމިޝަނުން އެކޮމިޝަނުގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތަށް އަމަލު ކުރުމަށް ހަދާން ކޮށްދެއްވާ ކަމަށެވެ.

ޓްރޭޓާސް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ހަސަން ވަހީދު ވިދާޅުވެފައިވަނީ މުހައްމަދު ރަޝީދު އެ ޑިޕާޓްމަންޓާ ހަވާލުވެގެން ހުންނެވި އިރު ކޮރަޕްޝަންގެ ގިނަ ކަންތައްތަކެއް އެ ޑިޕާޓްމަންޓްގެ ތެރޭގައި ހިންގާފައިވާކަމަށެވެ. ނަމަވެސް ނައީމް ހަވާލުވެވަޑައިގެންނެވި ފަހުން ހުރިހާ ކަންތައްތައް ވެސް ހަމައަކަށް އެޅި، ފައިސާގެ ކަންތައް ވެސް ފުރިހަމަ އަށް ބެލެހެއްޓެމުން އަންނަކަމަށެވެ.