19:00


އެސްޓީއޯގެ މިދިޔަ އަހަރުގެ ސާފު ފައިދާ, ކުރީ އަހަރަށް ވުރެ 10 ޕަސެންޓް ދަށްވެ 140 މިލިއަން ރުފިޔާ އަށް ތިރިވެއްޖެ އެވެ.


ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން މިއަދު އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 2008 ވަނަ އަހަރު ލިބުނު 155.6 މިލިއަން ރުފިޔާގެ ސާފު ފައިދާއާ އަޅާބަލާއިރު މިދިޔަ އަހަރުގެ ފައިދާ އިން 15.6 މިލިއަން ރުފިޔާ ވަނީ ދަށްވެފަ އެވެ. އަދި ކުރީ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 138 ރުފިޔާ ޖެހުނުއިރު މިދިޔަ އަހަރު ފައިދާ އިން ހިއްސާއަކަށް ޖެހިފައި ވަނީ 124 ރުފިޔާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.


އެސްޓީއޯގެ 2009 ވަނަ އަހަރުގެ އާމްދަނީގެ ބަޔާނުން ދައްކާ ގޮތުގައި، މިދިޔަ އަހަރު 3.8 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު އެއީ 2008 ވަނަ އަހަރު ލިބުނު 5.9 ބިލިއަން ރުފިޔާ އަށްވުރެ 35 ޕަސެންޓް ދަށް އަދަދެކެވެ.


ޖުމްލަ ފައިދާގެ ގޮތުގައި މިދިޔަ އަހަރު އެސްޓީއޯ އަށް ލިބިފައި ވަނީ 421.5 މިލިއަން ރުފިޔާ އެވެ.


އެސްޓީއޯގެ ޑިރެކްޓަރުންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ދުނިޔެ އާއި ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމުގެ އަސަރުތަކާ ގުޅިގެން އެ ކުންފުނީގެ ވިޔަފާރި ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އަދި މުޅި އަހަރު ތެރޭގައި ވެސް ޑޮލަރު ލިބުން ދަތިވުމާ ގުޅިގެން، ބޭނުންވާ ވަރަށް މުދާ އެތެރެނުކުރެވި ވިޔަފާރިން ހޯދޭނެ އާމްދަނީ ވަރަށް ބޮޑަށް ދަށްވިކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.


އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް ވެސް މިއަދު ވަނީ ނެރެފަ އެވެ. އާންމު ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރެ އެވެ.