10 Apr 2019, 10:17
އާޔޫޝްމަން ކުރާނާ އަދި ތަބޫގެ ކާމިޔާބު ފިލްމު 'އަންދާދުން' ޗައިނާގައި ރިލީޒްކޮށްފައި ވާއިރު، އެ ގައުމުގައި އެ ފިލްމަށް ބޮޑު ތަރުހީބެއްގައި ލިބެމުން އެބަ ދެއެވެ.
'ޕިއާނޯ ޕްލެޔާ' ގެ ނަމުގައި ޗައިނާގައި ފިލްމު ރިލީޒްކޮށްފައި ވަނީ މީގެ ހަފްތާއެއް ކުރިންނެވެ. ހަ ދުވަހުގެ ތެރޭގައި 'އަންދާދުން' އަށް ވަނީ 106 ކުރޯޑު ރުޕީޒްގެ އާމްދަނީއެއް ލިބިފައެވެ. މިއީ އިންޑިއާ އިން އެ ފިލްމަށް ލިބުނު ޖުމްލަ އާމްދަނީއަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
ފިލްމަށް ޗައިނާގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމުގެ އާމްދަނީ ބޮޑުތަން އިތުރުވާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެ އެވެ. ސްރީރާމް ރާގަވަން ޑައިރެކްޓު ކޮށްފައިވާ 'އަންދާދުން' އަކީ ލޮލަށް ނުފެންނަ ކަމަށް ހެދިގެން އުޅޭ ޕިއާނޯ ކުޅޭ މީހަކަށް ފެންނަ މަރެއްގެ ސަބަބުން ހިނގާ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ.
ފިލްމުގައި އާޔޫޝްމަން އަދި ތާބޫގެ އިތުރުން، ރާދިކާ އަޕްޓޭ އާއި އަނިލް ދަވަންގެ މުހިންމު ރޯލެއް ވެސް ހިމެނެއެވެ. 'އަންދާދުން' އަކީ މިދިޔަ އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމެވެ. ކްރިޓީކުންނާއި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަށް ވަނީ ތަފާތު އެކި އެވޯޑުތައް ވެސް ލިބިފައެވެ.