ކުޅަދާނަ އެކްޓަރު އާޔޫޝްމަން ކުރާނާ ފުރަތަމަ ފަހަރަށް ފުލުހެއްގެ ރޯލުން ފެނިގެންދާ ފިލްމު، 'އާޓިކަލް 15'ގެ ޝޫޓިން ނިމިއްޖެ އެވެ.

'އާޓިކަލް 15' އަކީ އަނުބަވް ސިންހާ ޑައިރެކްޓު ކުރާ އިންވެސްޓިގޭޓިވް ޑްރާމާ އެކެވެ. ފިލްމުގައި އާޔޫޝްމަން އާއެކު ފެނިގެން ދާނީ އިޝާ ތަލްވާރް، މަނޯޖް ޕަހްވާ، ސަޔާނީ ގުޕްތާ، ކުމުދް މިޝްރާ އަދި އަޝީޝް ވަރްމާ ފަދަ ތަރިންނެވެ.

ފިލްމުގެ ޝޫޓިން ނިމުނުކަން ހާމަކޮށް އާޔޫޝްމަން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ 'އާޓިކަލް 15' ވެގެންދާނީ އިންޑިއަން ސިނަމާގެ އެންމެ މުހިންމު އެއް ފިލްމު ކަމަށެވެ.

ފިލްމުގެ ޕްލޮޓް ބިނާކޮށްފައި ވަނީ ދީނީ، ޖިންސީ، އަދި ނަސްލީ ތަފާތުކުރުމުގެ މައްޗަށެވެ. އިންޑިއާގެ ޤާނޫނު އަސީސީގެ 15 ވަނަ މާއްދާގައި ވަނީ މިފަދަ ތަފާތުކުރުން ތަކަކަކީ ކުށް ކަމުގައި ކަނޑައަޅައިފައެވެ. ފިލްމުގެ ޝޫޓިން މުޅިން ނިމުނު ނަމަވެސް، ފިލްމު ރިލީޒްކުރާނެ ތާރީޚު އަދި ހާމަކޮށްފައެއް ނުވެއެވެ.