ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީގެ ޖާދޫ މިރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ވާދަ ކުރާ މެޗުން ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

ވޭތުވެ ދިޔަ ތިން އަހަރު ވެސް ހިތްދަތި ގޮތަކަށް ޗެމްޕިއަންސް ލީގުން ކަޓައިގެން ދިޔަ ބާސެލޯނާ މިއަހަރުގެ އަމާޒަކަށް ތިން ތަށި ހޯދުމަށް ކަނޑައަޅާފައިވާ އިރު މިރޭގެ މެޗަކީ މި ސީޒަނުގައި ވެސް އެ ޓީމު މިހާތަނަށް ކުޅޭނެ އެންމެ މުހިއްމު މެޗެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ --- ފޮޓޯ/ ޖޯ ރައިޓް

ސްޕެނިޝް ލީގުގެ ތަށި ގައިގަނޑަކަށް ޔަގީންވެފައި ވާ އިރު ކޮޕަ ޑެލް ރޭގެ ފައިނަލުގެ ޖާގައެއް ވެސް ބާސެލޯނާއިން ވަނީ ކަށަވަރު ކޮށްފަ އެވެ. ނަމަވެސް އެ ޓީމު މި ސީޒަނާ ކުރިމަތި ލުމުގެ ކުރިން ވެސް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމެވެ.

ބާސެލޯނާގެ އެ ހުވަފެން ހަގީގަތަކަށް ހެދުމަށް މިރޭ މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ކުޅޭ މެޗުން މޮޅުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް އިނގިރޭސި ކުލަބުތަކާ ދެކޮޅަށް އެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އިނގިރޭސި އެކި ކުލަބުތަކުގެ ކޮޅަށް 22 ގޯލު ޖަހާފަ އެވެ.

ފަހުގެ ތާރީހުގައި ދެފަހަރަކު ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑް މި މުބާރާތުގެ ފައިނަލުގައި ވަނީ ވާދަކޮށްފަ އެވެ. އެ ދެފަހަރުވެސް މުބާރާތުގެ ތަށި ބާސެލޯނާއިން އުފުލާލި އިރު މެސީ ވަނީ ކޮންމެ ފައިނަލެއްގައި ގޯލެއް ޖަހާފަ އެވެ. މެސީގެ އެ ޖާދޫވީ ކުޅުން މިރޭގެ މެޗުގައި ވެސް ފެންނާނެ ކަމުގެ ޔަގީންކަން ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވަނީ ދީފަ އެވެ.

"މެސީ އަކީ މުޅިން ތަފާތު ކުޅުންތެރިއެއް. ހުރިހާ ކޯޗުންވެސް މެޗު ރާވާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ މެސީ ހުއްޓުވާނެ ގޮތަކާ މެދު. ބުރަ މަސައްކަތުން ބައެއް ފަހަރު އޭނަ ހުއްޓުވުމަށް ޓީމުތަކުން މަސައްކަތް ކުރި ނަމަވެސް އޭނަ ރަނގަޅު މޫޑެއްގައި ހުރެއްޖެ ނަމަ މިރޭ އޭނާ ހިފަހައްޓަން ޔުނައިޓެޑަށް ވަރަށް އުނދަގޫ ވާނެ،" އިއްޔެ ދިން ނޫސް ޕްރެސްއެއްގައި ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުންޏެވެ.

ވަލްވާޑޭ ބުނީ ބާސެލޯނާއިން މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ނަމަވެސް މެންޗެސްޓާ ޔުނައިޓެޑް އަކީ އާދައިގެ ޓީމެއް ނޫން ކަމަށެވެ. މެސީ އަދި ސުއަރޭޒް މިރޭގެ މެޗުގައި ކުޅޭނެ ކަމަށާއި ނަމަވެސް އުސްމާން ޑެމްބޭލޭއަށް މިރޭގެ މެޗުން ނުފެނިދާނެ ކަމަށް އޭނާ ބުންޏެވެ.

ފްރާންސްގެ ވަރުގަދަ ޕީއެސްޖީ ކަޓުވާލުމަށްފަހު ޔުނައިޓެޑް މިހިސާބަށް އައި އިރު އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލަ އެވެ.