10 Apr 2019, 10:00
ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ޕޯޓޯ ބަލިކޮށް ލިވަޕޫލްއިން ސެމީ ފައިނަލުގެ ޖާގައެއް ހޯދުމަށް ފިޔަވަޅެއް ކުރިއަށް ޖެހިލައިފި އެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު ފޯރިގަދަ މެޗު، އެ ޓީމުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުންނެވެ. ވޭތުވެދިޔަ އަހަރުގެ ފައިނަލުގައި ވެސް ކުޅުނު ލިވަޕޫލް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ އިރު ދެވަނަ ލެގުގައި ރޭގެ މެޗުން ބަލިވި ޕޯޓޯއަށް އިތުރު އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެއެވެ.

ލިވަޕޫލްއާ ޕޯޓޯ ރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގާއީ އަކިންޓްސަން
ރޭގެ މެޗު ފެށިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ލިވަޕޫލްއިން ވަނީ ގޯލެއް ޖަހައި ލީޑު ނަގާފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ނަބީ ކެއިޓާ އެވެ. އެއީ އޭނާ މި ސީޒަނުގައި ލިވަޕޫލްއަށް ޖަހައިދިން ދެވަނަ ގޯލެވެ.
ކެއިޓާގެ ގޯލާ އެކު ޕޯޓޯއަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް ލިވަޕޫލްއަށް ލީޑު ފުޅާ ކޮށްދިނީ އެ ޓީމުގެ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނިއޯ އެވެ. އޭނާ ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.
ލިވަޕޫލްއިން މެޗުގެ ކުރީ ކޮޅު ޖެހި ދެ ގޯލާ އެކު އެ މެޗުގައި ގިނަ ގޯލުތަކެއް ފެނިގެންދާނެ ކަމަށް ގިނަބަޔަކު ހީކުރި ނަމަވެސް ދެވަނަ ގޯލާއެކު ޕޯޓޯއިން ކުޅުން ރަނގަޅުކޮށް ހަމަލަތާކެއް އުފައްދަން މަސައްކަތްކުރި އެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު އިރު ކުއާޓާގެ ދެވަނަ ލެގުގައި ޕޯޓޯއިން މެޗަށް ނުކުންނާނީ ދެ ގޯލު ފަހަތުގައި އޮވެގެންނެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ކުޅެން ޖެހުމުން ކޮންމެސް ވަރެއްގެ ޕްރެޝަރެއް ޕޯޓޯއަށް ކުޑަވާނެއެވެ.
ރޭގެ މޮޅާ އެކު ލިވަޕޫލް އިން ވަނީ އެމީހުންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުން މޮޅުވުމުގެ ސިލްސިލާ 21 މެޗަށް އިތުރު ކޮށްފަ އެވެ. އެ މެޗުތަކުގެ ތެރޭގައި 12 ކްލީން ޝީޓް އެ ޓީމުން ހަދާފައިވާ އިރު ބައިކޮޅަށް ވަދެފައި ވަނީ އެންމެ 15 ގޯލެވެ.