ޗެމްޕިއަންސް ލީގުގައި އޮޓެލުލް ގުލާޓީ އާއި ދެކޮޅަށް މިރޭ ނުކުންނަ މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޑުން ރިއޯ ފާޑިނަންޑް އުނިކުރުމުން، ނަމެންޖާ ވިޑިޗަށް އެ ފުރުސަތު ލިބިއްޖެ އެވެ.

މިހާތަނަށް ޗެމްޕިއަންސް ލީގުގެ މިސީޒަނުގެ ގްރޫޕް ސްޓޭޖުން ދެ ޕޮއިންޓް ލިބުމުގެ ސަބަބުން މެންޔުނައިޓެޑް އޮތީ ތިންވަނައިގަ އެވެ. ގްރޫޕް ސީ ގެ ތިންވަނައިގައި އޮތް މެންޔުނައިޓެޑަށް ދެޕޮއިންޓް ލިބިފައިވަނީ ކުޅުނު ދެމެޗުން ވެސް އެއްވަރު ވުމުންނެވެ. އެހެންކަމުން، މެންޔުނައިޓެޑުން މިރޭ ވިސްނާނީ މޮޅަކަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ޕްރެމިއާ ލީގުގައި ލިވަޕޫލް އާއި ދެކޮޅަށް މެންޔުނައިޓެޑް ކުޅެ 1-1 ލަނޑުން އެއްވަރުވި މެޗުގައި ފާޑިނަންޑް ވަނީ އެމެޗުގެ ނުވަދިހަ މިނެޓް ހަމަކޮށްފަ އެވެ. ޕްރެމިއާ ލީގުގައި އަންނަ އާދީއްތަ ދުވަހު މެންޔުނައިޓެޑް ބައްދަލު ކުރަން ޖެހޭނީ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އެވެ. އެމެޗަށް ވިސްނުމުގައި ފާޑިނެންޑަށް ރެސްޓް ދިނުމަށް ކޯޗް ސާ އެލެކްސް ފާގަސަން ވިސްނީ ކަމަށް ބެލެވެ އެވެ.

ޗެމްޕިއަންސް ލީގަށް މިރޭ ނުކުންނަ މެންޔުނައިޓެޑްގެ ސްކޮޑުގައި ހިމެނޭ ޑިފެންޑަރުންގެ ތެރެއިން ކެޕްޓަން ވިޑިޗް ބޭނުންތެރިކަން ބޮޑުވެގެން ދާނެ ކަމަށް ބެލެވެ އެވެ. އުމުރުން 29 އަހަރުގެ ޑިފެންޑަރު މިދިޔަ އޯގަސްޓް މަހު ވެސްޓް ބްރޮމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާ އާ ގުޅިގެން ހުރީ ކުޅުމާ ދުރުގައެވެ. ނަމަވެސް ސްލޮވީނިއާ އާއި ދެކޮޅަށް ސާބިއާ ގައުމީ ޓީމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުޅެދިން ޔޫރޯ ކޮލިފައިން މެޗުގައި ވިޑިޗް ވަނީ 90 މިނެޓު ގެ ކުޅުން ފުރިހަމަ ކޮށްފައެވެ.

މިރޭ ކުޅޭ މެޗުގެ ސްކޮޑުގައި ފޯވާޑް ޑްމިޓްރީ ބާބަޓޯވް ވެސް ހިމެނެއެވެ. އަދި މިދިޔަ ހޮނިހިރު ދަވަހު ކުޑަ އަނިޔާ އެއް ލިބުނު ފިލް ޖޯންސް ވެސް ސްކޮޑުގައި ހިމަނާފައި ވެއެވެ.