09 Apr 2019, 23:28
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވސް (އައިޔޫއެމް) އިން ދަރިވަރުވި އެކަކުވެސް ހަރުކަށި ފިކުރެއްގައި ޖެހިފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އިސްލާމިކް ޔުނިވާސިޓީގައި މިރޭ ބެއްވި އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ އިސް އެއް އަމާޒަކީ، ތައުލީމް ހާސިލުކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ، އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ޒުވާނަކަށް ހެދުން ކަމަށެވެ.
އަދި މިއީ އަޅުގަނޑުމެންގެ އިޖްތިމާއީ ފޭރާން ހެޔޮކުރުމަށްޓަކައި، ވަރަށް މުހިންމު ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި، މި ޔުނިވާސިޓީއަކީ، މި ދެންނެވި ސިޔާސަތު ތަންފީޒު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ތަނެއް. މި މުއައްސަސާގެ މާޒީންވެސް އެކަން ވަނީ ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައި. މި މުއައްސަސާއިން ތަޢުލީމު ހާސިލުކުރި އެއްވެސް ދަރިވަރަކު، ހަރުކަށި، ވިޔާނުދާ ތަފާތު ފިކުރުތަކުގައި ޖެހި، މަގު އޮޅިފައިނުވާކަން، އަޅުގަނޑު އުފަލާއެކު ފާހަގަކުރަން،" ރައީސް ވިދާޅުވިއެވެ.
އިސްލާމިކް ޔުނިވާސިޓީން މިރޭ ދަސްވެނިވި ދަރިވަރުންނަށް އިޝާރާތްކުރައްވައި ރައީސް ސޯލިހް ވިދާޅުވީ އެ ދަރިވަރުންނަކީވެސް، މި ގައުމުގެ ކުރިމަގަށްޓަކައި ކުރެވުނު ވަރަށް އަގުބޮޑު އިންވެސްޓެއް ކަމަށެވެ. އަދި ގައުމުގެ ތަރައްގީ ބިނާވެގެންދާނީ، އެ އިންވެސްޓްމަންޓުގެ ބޭނުން ހިފޭ ގޮތެއްގެ މައްޗަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
"ތަފާތު ދާއިރާތަކުން ދަސްވެނިވެގެން ނުކުންނަ، ތިޔަ ދަރިވަރުންގެ ދެން އޮތް އެންމެ އިސް ވާޖިބެއް ކަމުގައި ހަދަންވީ، ގައުމުގެ ތަރައްގީގައި ބައިވެރިވުން،" ރައީސް ވިދާޅުވިއެވެ.