09 Apr 2019, 23:31
ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބްގައި އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީއަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނީ، ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް މިއަދު ރަނިލް ގުޅުއްވައި ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން މަޖިލިސް އިންތިހާބްގައި ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.
ރައީސް ވަނީ މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ދިވެހިންގެ ފަރާތުން މި ސަރުކާރަށް ލިބުނު ބޮޑު ތަރުޙީބު އިހުތިރާމާއިއެކު ބަލައިގަންނަވާކަމަށާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ ބޭނުންތައް ފުއްދަވައި ދެއްވުމަށް ގަދައަޅައި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވެފަ އެވެ.
މީގެ އިތުރުން ރައީސް ސޯލިހް އާއި ސްރީލަންކާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ސްރީލަންކާ އަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ ދެ ޤައުމުކަން ފާހަގަކުރައްވައި، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ދެ ޤައުމަށް ފައިދާހުރި އެކި ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ދެޤައުމުން ބޭނުންފުޅުވާކަމުގައި ހާމަކުރެއްވިއެވެ. ޚާއްސަ ގޮތެއްގައި ފަތުރުވެރިކަމާއި، ސަރަޙައްދީ ވިޔަފާރީގެ ދާއިރާއިން މިގުޅުން އިތުރަށް ފުޅާ ކުރެއްވުމާބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައިކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް 65 ގޮނޑި ލިބުނެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި އެ ކޯލިޝަނާ އެކު މަޖިލިސް އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރި ޖުމްހޫރީ ޕާޓީ އަށް ޖުމްލަ ލިބުނީ، 13 ގޮނޑި އެވެ. އެއީ ޕީޕީއެމްއަށް ލިބުނު ފަސް ގޮނޑި އާއި ޖުމްހޫރީ ޕާޓީއަށް ލިބުނު ފަސް ގޮނޑި އާއި ކޮންގްރެސް ޕާޓީއަށް ލިބުނު ތިން ގޮނޑި އެވެ. އެމްޑީއޭ އަށް ވަނީ ދެ ގޮނޑި ލިބިފަ އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ހަތް ކެންޑިޑޭޓަކު ވެސް ވަނީ އިންތިހާބް ވެފަ އެވެ.