09 Apr 2019, 20:41
ނ. މާފަރުގައި މިހާރު ހަދަމުންދާ އެއާޕޯޓްގެ ރަންވޭއަށް ވެލާ ބިސް އަޅައިފި އެވެ.
އެއާޕޯޓްގެ ރަންވޭއަށް ބިސްއަޅައިފައިވަނިކޮށް ނަގައިފައިވާ ފޮޓޯއެއްވެސް މިހާރު ވަނީ މިސް މީޑިއާގައި އާންމުވެފަ އެވެ.
މާފަރު ކައުންސިލްގެ ނާއިބު ރައީސް ޒަކަރިއްޔާ މުހައްމަދު ފުޅު "ސަން" އަށް މައުލޫމާތު ދެމުން މިރޭ ވިދާޅުވީ އެ ރަށަށް ކުރިން ވެސް ވެލާ އަރާ ކަމަށެވެ.
"ކުރިން ވެސް ވެލާ އަރާ، ފަސްގަނޑާ ދިމާލުގައި ހުރި ރަންވޭ ސަރަހައްދަށް އޭތި އެއޮތީ ބިސް އަޅާފައި." ޒަކަރިއްޔާ ވިދާޅުވި އެވެ.
އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރާ މާފަރު އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކުރީ ސިންގަޕޫރުގެ ޓަފް އޮފްޝޯ ކުންފުންޏާ އެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހަދާ އެއާޕޯޓެކެވެ.
މާފަރު އެއާޕޯޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އަބޫ ދާބީ ފަންޑާ އެކު މަޝްވަރާ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވަނީ މީގެ ކުރިން ޔޫއޭއީ އަށް ވެސް ވަޑައިގެންފަ އެވެ.
ނ. މާފަރުގައި އެއާޕޯޓް ތަރައްގީކުރާ ކުންފުނިން ބޭނުންވަނީ އެއާޕޯޓު މިހާރަށް ވުރެ ބޮޑުކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ މާފަރު އެއާޕޯޓު ވެގެންދާނީ ރާއްޖޭގައި ތަރައްގީކުރެވޭ އެންމެ މި ޒަމާނުގެ، އެންމެ ބޮޑު އެއާޕޯޓަށް ކަމަށެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 18 ވަނަ ދުވަހު އެ އެއާޕޯޓްއަށް ޓެސްޓް ފްލައިޓްވެސް ވަނީ ޖައްސައިފަ އެވެ.