ގިނަ އަހަރުތަކެއްގައި މެންޗެސްޓާ ސިޓީގައި މަޑުކުރުމަށް ބޭނުންވެފައި ހުރި ކޯޗު ރޮބާޓޯ މަންޗިނީ، އިތުރު ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް ކްލަބާއެކު ވާހަކަ ދައްކަން ބޭނުންވާ ކަމަށް ބުނެފިއެވެ.

މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި އަދި ކާމިޔާބީތަކެއް ނުލިބުނު ކަމުގައި ވިޔަސް، ޕްރެމިއާ ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗު މެންސިޓީ ކާމިޔާބުކުރީ މަންޗިނީގެ ކޯޗު ކަމުގެ ދަށުގައެވެ. މެންސިޓީ އުޅެނީ ޕްރެމިއާ ލީގުގެ އެއްވަނާގައި ބާވީސް ޕޮއިންޓާއެކު އެވެ.

މަންޗިނީ އާއި މެންސިޓީއާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވާއިރު، ގިނަ އަހަރުތަކެއްގައި ކުލަބުގައި ހުންނަން ބޭނުންވާކަމަށް ކޯޗު ބުނެފައި ވެއެވެ. "ގިނަ އަހަރުތަކެއް ވަންދެން މެންސިޓީގައި މަޑުކުރަން އަހަރެން ބޭނުން. އަހަރެންގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު ދުވަސް އެބައޮތް. އެހެން ކަމުން އަދި ކޮންޓްރެކްޓް އާކުރަން އުޅުން އެހާ މުހިންމެއް ނޫން. އެހެން ނަމަވެސް ކުރިއަށް އޮތްތާ ކުލަބާއެކު ވާހަކަ ދައްކާނަން." މެންސިޓީގެ ކޯޗް މަންޗިނީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ މެންސިޓީއަށް އޮތީ ވަރުގަދަ މެޗެކެވެ. މިރޭ ސްޕެއިންގެ ވިލަރެއާލް އާއި ދެކޮޅަށް މެންސިޓީ ނުކުންނަ މެޗު ވެގެންދާނީ ގްރޫޕް ސްޓޭޖުގައި އެޓީމަށް އުނދަގޫ ވެގެންދާނެ މެޗެކެވެ. ވިލަރެއާލް އަށާއި މެންސިޓީއަށް ޗެމްޕިއަންސް ލީގުގައި އަދި ކާމިޔާބީ އެއް ލިބިފައެއް ނުވެއެވެ. ވިލަރެއާލް އަށް އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕް އޭގެ ފުލުގައި އޮތްއިރު، ތިންވަނާގައި އޮތް މެންސިޓީ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.